މި ސަރުކާރާއި ވެރިކަން ޙަވާލުވުމަށްފަހު ރާއްޖޭގެ އިޤްތިޞާދު މިހާރު ވަނީ ކުރިން އޮތް ހާލަތުން އަރައިގަނެފައި ކަމަށާއި، މިއަހަރަކީ އިޤްތިޞާދީގޮތުން ހަރަކާތްތެރި އަހަރަކަށްވެ، ތަރައްޤީގެ ކަންކަން މިހާރު ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންނާއި އަދި ބަޖެޓުގެ ބޭރުން ވެސް ހިނގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ކުރިއާއި ޚިލާފަށް، ރާއްޖޭން ބޭރުގެ ވިޔަފާރިތަކަށް ވެސް ރާއްޖޭގެ އިޤްތިޞާދާއިމެދު އިތުބާރު އުފެދިފައިވާ ކަމަށެވެ. މިގޮތުން، އެއާ އެމްބިއުލާންސްގެ މަސައްކަތް ފެށި، ވައިޑް ބޮޑީ އޮޕަރޭޝަން ފެށިގެން ޗައިނާއިން މިހާރު ސީދާ ފަތުރުވެރިން އައުމާއި، ވަޒީފާގެ ބާޒާރަށް ތަނަވަސްކަން އައިސްފައިވާކަން ވަޒީރު ފާހަގކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރު ތެރޭގައި ހއ. އަދި ހދ ގައި ފަތުރުވެރިކަމުގައި އިތުރު އެނދުތައް ތަރައްޤީ ކުރެއްވުމަށް ރައީސް ބޭނުންފުޅުވާ އަމާޒަށް ދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ އަތޮޅުގައި ގާއިމުކުރާ އިކޮނޮމިކް ގޭޓްވޭގެ މަސައްކަތުގެ ދަށުން މިއަހަރު ތެރޭގައި ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މިއަހަރު ބަޖެޓުގައި ޖަހާފައިވާ މަޝްރޫޢުތަކާއި އެކި އިންވެސްޓްމަންޓުތަކުގެ އިތުރުން، ބަޖެޓުން ބޭރުންވެސް އެކި ސިނާޢަތްތަކުގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އިއްޔެއިން ފެށިގެން ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ވެސް ޙަވާލުވެވަޑައިގެންފައެވެ.