ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގެ މަޤާމުގައި ހުރެގެން އިބްރާޙިމް ފައިޞަލް ޚިދުމަތް ކުރެއްވީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށް ފައިޞަލްގެ ބައްޕާފުޅު ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގެ މަޤާމުން ފައިޞަލް މިއަދު ވަކިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ ފައިޞަލަށްޓަކައި ފަޚުރުވެރިވާ ކަމަށާއި، ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން ފައިޞަލް ވަނީ ނަތީޖާ ނެރެދެއްވާފައި ކަމަށެވެ.
ފައިޞަލް ވަނީ ދާއިރާގެ ލޯބިވެސް ހޯދާފައި ކަމަށް ބުނެ ޢަބްދުއްރަޙީމް ވަނީ ފައިޞަލަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރުކުރައްވާ، މާ އުޖާލާ މާދަމާއެއް ދެއްކެވުމަށް އެދި ދުޢާ ދަންނަވާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގެ މަޤާމުން ފައިޞަލް ވަކިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނަމަވެސް އޭނާ ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.