ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫ ފުޓްބޯޅަދަނޑުގެ އިތުރު މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއާއި ގއ. ދެއްވަދޫ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. އަދި ދެއްވަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ފަޒުހާދެވެ.
މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ގެމަނަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަސްޢަދުﷲ ޝިހާބު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރޭގައި ހިމެނެނީ، ބާކީ ހުރި ވާރޭފެން ހޮޅި އެޅުމުގެ މަސައްކަތާއި، ތަޅުން އެޅުމާއި، އަދި ފެންސް ޖެހުމުގެ މަސައްކަތްތައް ނިންމުމެވެ.
މި މަޝްރޫޢު ނިމުމުން ގއ. ދެއްވަދޫގެ ކުޅިވަރު ދަނޑުގެ ވަސީލަތްތައް އިތުރަށް ފުރިހަމަވެ، ރަށުގެ ޒުވާނުންނަށް ކުޅިވަރުކުޅުމަށް މަގުފަހިވެގެންދާނެއެވެ.