ރާއްޖެ-އޮސްޓްރޭލިއާ ގުޅުމުގެ ބިންގަލަކީ ރައްޔިތުންގެ ގުޅުން: ޚާރިޖީ ވަޒީރު

އާނާ ފަހީމް | 45 ދުވަސް ކުރިން - 17:25
ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް / ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް / ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

ތަޢުލީމާއި ޞިއްޙީ ޚިދުމަތް ފަދަ ދާއިރާތަކުން އޮސްޓްރޭލިއާއިން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ރާއްޖެއާއި އޮސްޓްރޭލިއާގެ ބަދަހި ގުޅުމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ.

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ކަމަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޕެނީ ވޮންގް އަށް ފޮނުވި ތަހުނިޔާގެ މެސެޖްގައި .ޑރ. ޚަލީލް ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރާއި ރައްޔިތުންނަށް، އޮސްޓްރޭލިއާ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި މެރިޓައިމް ސެކިއުރިޓީ އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަން ފަދަ ދާއިރާތަކުން އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮސްޓްރޭލިއާއިން އިސް ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި މިފަދަ އިތުބާރުކުރެވޭ ތަރައްޤީގެ ބައިވެރިއަކާއެކު އޮތް ގާތް ގުޅުމުގެ އަގު ރާއްޖެއިން އިޚްލާސްތެރިކަމާއެކު ފާހަގަކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

ދެޤައުމުގެ ގުޅުން ބަދަހިވުމުގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ޚާއްޞަކުރައްވައިގެން އޮސްޓްރޭލިއާ އެވޯޑްސް ޕްރޮގްރާމްގެ ދަށުން ދެއްވާ ސްކޮލަރޝިޕްތަކުގެ މުހިންމުކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރުގެ މެސެޖްގައި އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން ބިނާވެފައި ވަނީ ޙިއްޞާކުރެވިފައިވާ އަޚްލާޤާއި، ދެޤައުމުގެ ކުރިއެރުމަށް ކުރެވޭ އަހައްމިއްޔަތުކަމުގެ މައްޗަށެވެ. އަދި މުސްތަޤްބަލުގައި ވެސް ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުގައި އެއްބާރުލުން ދިނުމާއި، ވިސްނުން އިތުރުކޮށް، ރައްޔިތުންގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%