ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ގާތުން މުޢާމަލާތް ކުރައްވާތީވެ ވާދަވެރިންނަށް އުނދަގޫވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ އެ އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި، މުހިންމު ޚިދުމަތްތަކެއް ފެށިގެންދިޔަ އަދި އުންމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅެކެވެ. އަދި ވަކިން ޚާއްޞަކޮށް ރައްޔިތުންނާއެކު ރައީސް ހޭދަކުރައްވާ އަގުހުރި ވަގުތުތަކުގެ ސަބަބުން ވާދަވެރިންނަށް އުނދަގޫވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
ރައީސް މިހާރު ގެންދަވަނީ އަތޮޅުތެރޭގެ ރަށްތަކަށް ސިލްސިލާ ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ދެފަހަރު ވަޑައިގަތުމުގެ ވަޢުދު ފުއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅުތަކެކެވެ. މި ދަތުރުފުޅުތަކުގައި ރައީސް ވަނީ ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވަމުން ގެންދަވާފައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މި ދަތުރުފުޅުތަކުގެ މައިގަނޑު ބޭނުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވައި ދެއްވުމެވެ. މިގޮތުން ރައީސްގެ މި މަސައްކަތްޕުޅުތަކަކީ ރައްޔިތުންނާއި ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކެއް ކަމުގައި ބެލެވެއެވެ.