ރ. އިންނަމާދޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު ހެނދުނު އަޅައިފިއެވެ. އިންނަމާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި، އެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާންއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން، ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އިންނަމާދޫ ކައުންސިލްގެ މެންބަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން، އިންނަމާދޫގެ މުއައްސަސާތަކުގެ ވެރިންނާއި، އެ ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
ރައީސް މުއިއްޒު ހުވާކުރެއްވި އިރު، ރާއްޖޭގެ 72 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރެވިފައި ނުވާކަން ފާހަގަކުރެވުނެވެ. ނަމަވެސް، މިހާރު 25 އަށްވުރެ ގިނަ ރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރެވިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އިތުރު ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް ރައީސް މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަވަމުންދެއެވެ.