ފުވައްމުލައް ސިޓީގައި ހުއްޓިފައި އޮތް 11 ފަންގިފިލާގެ 5 ޓަވަރުގެ ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކަކީ މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކެއް ކަމަށާއި، އަނެއްބައި މަޝްރޫޢުތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދާނެ މަޝްރޫޢުތަކެއް ކަމަށެވެ. އަދި މިމަހުގެ ތެރޭގައި މި މަޝްރޫޢޫތައް ކުރިއަށް ގެންދިޔުމަށްޓަކައި ކޮންޓްރެކްޓަރ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ފުވައްމުލައް ސިޓީގައި ތަރައްޤީކުރުމަށް ހަވާލުކޮށްފައި އޮތް ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި އެ މަސައްކަތުގެ ކޮންޓްރެކްޓަރަށް ފައިސާ ހަމަޖައްސާދީ ފެށުމަށް ވަނީ ތައްޔާރު ވެފައެވެ. އަދި މިދިޔަ 6 އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރައިވެޓް ކުންފުނިތަކަށް ނުދެވި ހުރި ފައިސާތައްވެސް ދޫކޮށް، ގުޅިގެން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސް ޑރ. މިދިޔަ އަހަރު ފެބުރުއަރީގައި ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެތެރެއިން؛ އެރަށުގައި ހުއްޓިފައިވާ ޕްރޮޖެކްޓު ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުން.
ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް 2023 ވަނަ އަހަރު ޑިޒައިން އެންޑް ބިލްޑް އުޞޫލުން މި މަސައްކަތް ހަވާލުކުރައްވާފައިވަނީ ޕީޓީ.ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުވައްމުލައް ސިޓީގައި އިތުރު 500 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބައެއް ރަށްރަށުން މަޝްރޫޢުތައް ލަސްވާކަމުގެ ޝަކުވާ ލިބިފައިވެއެވެ. އަދި ހުއްޓިފައި ހުންނަތާ ހަތަރު ފަސް އަހަރުވެފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ރާވަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ ކޮންމެ ޓަވަރެއްގައި 1000 އަކަފޫޓުގެ 80 ފްލެޓް ހިމެނޭނެއެވެ. ކޮންމެ ފްލެޓެއްގައި 3 ކޮޓަރި، 3 ފާޚާނަ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމް ހިމެނޭނެއެވެ.