ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ލޯކަލް ކައުންސިލް ތަކާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ ނަތީޖާ ނެރެދެއްވުމުގެ މަގުސަދުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ރ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ވާދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރުންނާއި އެކު، އެ މަނިކުފާނު ރަށްރަށަށް ދަތުރުފުޅު ކުރެއްވުމުގެ ބޭނުމަކީ އެ ދާއިރާ އަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރުންނާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުން ކަމަށެވެ.
ރ. ވާދޫ ކައުންސިލާއި ރައީސް ބައްދަލު ކުރައްވާއިރު އެ މަޖިލީހުގައި ކައުންސިލް ތަކާއި ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފް (ކަނަތްފަރާތުން ތިރީގައި)
އެހެންކަމުން. މި ދަތުރުތަކުން ނަތީޖާ ނެރެދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަތުރުތައް މި ކުރަނީ ކަންކަން ކޮށްދިނުމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. ކަމާއި ގުޅޭ ވުޒާރާތަކުގެ ވަޒީރުން އަޅުގަނޑާއި އެކު ވަޑައިގެން އެ ކަންކަމުގައި ތިބޭފުޅުން ބޭނުންވާ ގޮތްގޮތް އޮޅުންފިލުވައި އެ ކަންކަން ކުރެވޭނެ ގޮތް ރައްޔިތުންނަށް ކިޔައިދީ ނަތީޖާ ނެރެދިނުމުގެ ބޭނުމުގައި،" ވާދޫގައި ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ދަތުރުފުޅު ރައީސް ފެއްޓެވީ މިދިޔަ އަހަރު އެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ރަށު ކައުންސިލްތަކާއި ރައީސް ބައްދަލު ކުރައްވައިވާއިރު، ރައީސް ވިދާޅުވީ ވެރިކަމުގެ މި ދައުރުގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގަންނަވާނެ ކަމަށެވެ.
ވާދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީއަށް ރާވާފައިވާ ގިނަ މަޝްރޫއުތައް މި އަހަރު ނިންމަވާނެ ކަމަށާއި ދެން އެ ރަށަށް ވަޑައިގަންނަވާނީ އެ މަޝްރޫއު ތަކުގެ ނިމުން ފާހަގަ ކުރެއްވުމަށް ކަމަށެވެ.