ސަރުކާރުން އިތުރަށް ފައިސާ ދޭން ނުޖެހި ޚަރަދު ކުޑަކޮށްގެން ފެނަކަ ހިންގޭނެ ކަމަށާއި އަދި އެކަމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އައު މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ފޮރޮފްރާމެއްގައި ވާހަކަ ދައްކަވަމުން ނަޖާހު ވިދާޅުވީ. ފެނަކަ ކުންފުންޏަކީ ދައުލަތުގެ ކުންފުނި ތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާ އެއް ކުންފުނި ކަމަށް ވާއިރު، މިދަރަނި ދެއްކުމުގައި ސަރުކާރުގެ އެއްބާރުލުން ލިބެމުންދާ ކަމަށް ނަޖާހު ވިދާޅުވިއެވެ. ނަމަވެސް ދާއިމަށް ސަރުކާރުން ފައިސާ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ނުހިންގޭނެ ކަމަށް ޤަބޫލް ކުރައްވާ ކަމަށް ނަޖާހު ވިދާޅުވިއެވެ.
ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ފާހަގަ ކުރައްވަމުން ނަޖާހު ވިދާޅުވީ ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ކުންފުނިން ކުރަމުންދާ ޚަރަދުތައް ބަލައި އޭގެ ތެރެއިން ބޮޑު އެއްޗެއް (ފައިސާ) ސަލާމަތް ކުރެވޭނެ ކަމަށެވެ. މިގޮތުން ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން އެކަނި ވެސް ކުންފުނީގެ ޚަރަދު 40 ޕަސެންޓް ކުޑަކުރެވޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށް ނަޖާހު ވިދާޅުވިއެވެ.
މީގެ އިތުރުން ފެނަކަ ކުންފުނީގެ މުވައްޒަފުންނާއި ސްޓްރަކްޗަރ ހަރުދަނާ ކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށާއި، ނަމަވެސް މިއީ މުސާރައަށް ބަދަލު ގެނައުމަށް ނުވަތަ މުވައްޒަފުން މަދުކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަން ނަޖާހު ފާހަގަ ކުރެއްވިއެވެ.
ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް ވެސް ޚާއްސަ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްދާ ކަމަށް ނަޖާހު ވިދާޅުވިއެވެ. މިގޮތުން ވޭތުވެދިޔަ މަހު ތެލުން 8 މިލިއަން ރުފިޔާ ކުޑަ ކުރެވުނު ކަމަށާއި، މިމަހު ވެސް ކުޑަ ކުރެވޭނެ ކަމަށް ނަޖާހު ވިދާޅުވިއެވެ.
ފެނަކައިގެ އަމާޒަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދަރަނިތައް ދައްކައި، ޚިދުމަތްތައް ފުޅާ ކުރުން ކަމަށް ނަޖާހު ވިދާޅުވިއެވެ. އަދި ފެނަކަ އަމިއްލަ ފައިމައްޗަށް ތެދުވެ މާލީ ދަތިތަކާއި ގުޅިގެން ހުއްޓިފައިވާ މަޝްރޫޢުތައް އިސްކަން ދޭ ތަރުތީބަކުން ނިންމޭނެ ކަމަށް ވެސް ނަޖާހު ވިދާޅުވިއެވެ.