އަންނަ ރަމަޟާންމަހަށް ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށުގެ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ނަޖާހް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އަންނަ ރަމަޟާން މަހަށް ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށުގައި ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މިގޮތުން ފެނަކައިން މިހާރު ޓެކްނިކަލް އިވެލުއޭޝަންގެ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާ ކަމަށާއި، މިއީ ރަށްރަށުގެ ކަރަންޓުގެ މިހާރުގެ ހާލަތު ދެނެގަތުމަށް ކުރާ މަސައްކަތެއް ކަމަށް ނަޖާހް ވިދާޅުވިއެވެ.
ނަޖާހް ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިންވެސް ދިރާސާތަކެއް ހަދާފައިވާ ކަމަށާއި، އެގޮތުން މައްސަލަ އުޅޭ 46 ރަށެއް ފާހަގަ ވެފައިވާ ކަމަށެވެ. މި ރަށްރަށަށް ޖެންސެޓް ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ކަމަށް ވެސް ނަޖާހް ވިދާޅުވިއެވެ.
ފެނަކައިގެ އަމާޒަކީ އައު ޖެންސެޓް ހޯދައިގެންނާއި މަރާމާތުކުރަން ޖެހޭ ޖެންސެޓްތައް މަރާމާތު ކޮށްގެން ރަމަޟާން މަހަށް ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށުގެ މައްސަލަ ހައްލުކުރުން ކަމަށް ނަޖާހް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން،މަހުގެ ކުރިން 46 ރަށުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރާނެ ކަމަށް ނަޖާހް ވިދާޅުވިއެވެ.
މީގެ އިތުރުން، މި އަހަރުގެ ހޫނު މޫސުމާއި ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ފެނަކައިން ވަނީ 39 ޖެނެރޭޓަރެއް ހޯދުމަށް އިޢުލާން ކޮށްފައެވެ. ފެނަކައިން ބުނީ، މި އަހަރުގެ ރަމަޟާން މަސް ދިމާވަނީ އަހަރުގެ އެންމެ ހޫނު ދުވަސްވަރާއި ކަމަށް ވުމުން، އެދުވަސް ތަކުގައި ކަރަންޓަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށެވެ. އެހެންކަމުން ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް، ދުރާލާ ތައްޔާރު ވަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.