ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން އަށް ހަމަލާދީ ޒަހަމްކޮށްލި މީހާ މުމްބާއީގެ ފުލުހުން މިއަދު ހެނދުނު ހައްޔަރުކޮށްފި އެވެ.
މުމްބާއީ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނި ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝަރިފުލް އިސްލާމް ޝާހްޒާދު (30 އަހަރު) އެވެ. އޭނާ ހައްޔަރުކުރެވުނީ ސައިފް ދިރިއުޅޭ ގެއާއި 35 ކިލޯމީޓަރު ދުރުން ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.
މުމްބާއީ ފުލުހުންގެ އިސް އޮފިސަރު ދިކްޝިތު ގެދަމް ވިދާޅުވި ގޮތުގައި، ތަޙުޤީޤުން ހާމަވެފައިވަނީ ޝާހްޒާދު ސައިފްގެ ގެއަށް ގޮސްފައިވަނީ ވައްކަން ކުރުމުގެ ނިޔަތުގައި ކަމަށެވެ. އޭނާގެ އަތުން އިންޑިއާގެ އެއްވެސް ލިޔެކިޔުމެއް ފެނިފައިނުވާ ކަމަށާއި، އަތުލެވުނު ތަކެތިން އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަން ކަށަވަރުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ޝާހްޒާދު މުމްބާއީގައި ދިރިއުޅެމުން އައިސްފައިވަނީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މުއްދަތަކަށްކަމަށެވެ. މި މުއްދަތުގައި އޭނާ އުޅެމުން އައީ "ބިޖޯއީ ދާސް" ނުވަތަ "ވިޖޭ ދާސް" ގެ ނަމުގައެވެ. އޭނާ ކުރިން ހައުސްކީޕިން ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ކަމަށާއި، އެންމެ ފަހުން އުޅެމުން އައީ ރެސްޓޯރަންޓެއްގައި ވެއިޓަރެއްގެ ގޮތުގައި ކަމަށް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ބުނި ގޮތުގައި، ޝާހްޒާދު މިހާރު ވަނީ ސައިފަށް ހަމަލާދިން ކަމަށް އިޢުތިރާފުވެފައެވެ. މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރެވުނު އިތުރު ދެ މީހަކު ދޫކޮށްލުމަށް ފުލުހުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު، މުމްބާއީގައި ހުންނަ ސައިފްގެ ގެއަށް ވައްކަން ކުރަން ވަދެގެންނެވެ. ވަގު ހުއްޓުވަން އުޅުމުން ސައިފަށް ހަމަލާދީ، އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ. ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހަރައި، ކަރަށް ވެސް ހަމަލާދީފައިވެއެވެ. ސައިފަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބުވެ، މިހާރު އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.