ސްކޫލްތަކުން އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ކަހަލަ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު އެދިވަޑައިގަންނަވައިފި އެވެ.
މިނިސްޓަރު އެކަމަށް އެދިވަޑައިގަތީ ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގަ އެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމަކީ މިނިސްޓްރީން އިންތިޒާމުކޮށްގެން މިގޮތަށް ބާއްވާ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމުކުރަމުން އަންނަ ގޮތުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ކަހަލަ ގޮތަކަށް އިތުރު ހަރަކާތްތައް ހިންގައި ރޭވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ރަނގަޅު ހައްލެއް ހޯދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިން، ހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިން އަށް ފަހިވާން ޖެހޭނެ ކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑާ ކުރެވެންވާނެ ކަމަށް. ޕޭރަންޓް، ކޮމިއުނިޓީ ޕާޓިސިޕޭޓްވާއިރުގައި އެ ޕާޓިސިޕޭޝަނަކީ ވެސް އެ ބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާން ޖެހޭނެ ކަމަށް. އަދި ރާއްޖޭގެ މި ޖިއޮގްރަފިކަލް ޑިސްޕާޝަން ކޮންސިޑާ ކުރަން ޖެހޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ ހަރަކާތްތައް ހިންގަން ވެސް ޖެހޭނެ ކަމަށާއި އެކަމަކު އެ ކަންކަން ރާވާއިރު މުޅި ތައުލީމީ ދާއިރާއިން މިކުރާ މައިގަނޑު މަސައްކަތްތަކަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ.
ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނެ ގޮތުގެ މި މަޝްވަރާ ބައްދަލުވުމުގައި 92 މީހަކު ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޖަމިއްޔާތަކާއި ކައުންސިލްތަކާއި ސްކޫލްތަކުގެ ކުޅިވަރު ސުޕަވައިޒަރުންނާއި އިސްލާމިކް މިނިސްޓްރީ އަދި އިތުރު އިދާރާތައް ހިމެނެ އެވެ.