އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ، ހަމަލޮލުން ބަލާލުމުގެ ފުރުޞަތު އިންޑިއާއިން ދިވެހީންނަށް ލިބޭނެ ދޮރު ހުޅުވިއްޖެއެވެ.
މިއީ މިދުވަސްވަރު އެންމެ ކައިރި ޤައުމަކުން އެންމެ އަވަހަށް ދިވެހީންނަށް ހަމަލޮލުން މެސީ ބަލާލެވޭނެ ދުވަސްވަރު ކަމަށް ވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު، އޮކްޓޯބަރުގައެވެ.
މެސީއާއެކު ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅާއި ނޮވެންބަރު މަހުގެ ކުރީކޮޅު އިންޑިޔާއަށް ދަތުރުކޮށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އާޖެންޓީނާގެ ގައުމީ ޓީމުން މި ދަތުރުގައި އިންޑިޔާގައި ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ހޭދަކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މެސީ އިންޑިޔާގެ ސަޕޯޓަރުންނާއެކު 20 މިނެޓުގެ ޚާއްޞަ އިވެންޓެއްގައި ބައިވެރިވާނެ ކަމަށް ވެސް ރިޕޯޓުތަކުން ފާހަގަ ކުރެއެވެ.
މި ދަތުރުގައި އާޖެންޓީނާގެ ޓީމުން ކުޅޭނީ ދެކުނު އިންޑިޔާގެ ކެރެލާ ސްޓޭޓުގައެވެ. ކެރެލާއަކީ ޢާންމުކޮށް ދިވެހިން ގޮސް އުޅޭ ސަރަޙައްދެކެވެ. އެއީ އިންޑިޔާގައި ފުޓްބޯޅައަށް ވަރަށް ފޯރިގަދަ ވެސް ސްޓޭޓެކެވެ. ކެރެލާގެ ސްޕޯޓްސް މިނިސްޓަރު އަބްދުލްރަހިމަން ވިދާޅުވެފައިވާ ގޮތުގައި މިހާރު މަސައްކަތް ކުރަމުން ދަނީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު މެޗުތަކުގެ ތާވަލު ފައިނަލް ކުރުމަށެވެ.
ދުނިޔޭގެ ޗެމްޕިއަންކަމާއި ދެކުނު އެމެރިކާގެ ދެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާގެ ޓީމު އިންޑިޔާއަށް ދަތުރުކުރާނެކަން އިންޑިޔާގެ ސަރުކާރުން ވެސް ވަނީ ރަސްމީކޮށް އިޢުލާން ކޮށްފައެވެ. އެހެންކަމުން، މެސީ ބަލާލަން ބޭނުންވާ ދިވެހިންނަށް މިއީ ފަސޭހަ ފުރުޞަތެކެވެ.