ހުރިހާ ޤައުމަކާއި ވެސް ގުޅުން ބަދަހިކޮށް، ދިވެހިންނަށް ފައިދާވާނެ ހުރިހާ މަގެއް ބައްލަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޕީއެސްއެމަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ އަވަށްޓެރި ގައުމުތަކަކީ އެންމެ ގާތް ރަހުމަތްތެރިން ކަމަށާއި އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއް ކަމަށެވެ. އެކަމަކު، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހީނަރު ނުވާ ގޮތަށް ހުރިހާ ގައުމުތަކަކާ އެކުގައި ވެސް ގުޅުން ބަދަހިކޮށް، ދިވެހިންނަށް ފައިދާވާނެ ހުރިހާ މަގެއް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވިދާޅުވަމުން އަންނަ ގޮތަށް، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްވާ ގޮތަށް ދިވެހިންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ކަމަށެވެ.
ދިވެހިންނަށް ފައިދާވާ މަގުތައް ބަލައި، ކުރިއަށް ދިޔުމުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހިންގެ މަސްލަހަތު އަބަދުވެސް އިސްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭނެ މަގުތައް ފަހިވާ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާއި އެކީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތް ކުރެވިފައި، ކުރިއަށް ދެވެންޏާ އަޅުގަނޑު ބޭނުން ގާތް ގުޅުން ބާއްވަން،" ރައީސް ވިދާޅުވި އެވެ.
އެސްޓޯނިއާ އަކީ ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމުގައި މުޅި ދުނިޔެއަށް ވެސް ނަމޫނާ ގައުމެއް ކަމަށާއި ރާއްޖޭގެ އާންމު ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ފަށާފައިވާ މަސައްކަތުގައި އެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މި ދަތުރުފުޅުން ލިބިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ދޭ އާންމު ހިދުމަތްތައް 100 ޕަސެންޓް ޑިޖިޓަލައިޒްކުރަން އެމަނިކުފާނު ބޭނުންފުޅުވެ އެވެ،
ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި މިއީ އެ ގައުމާއި ރާއްޖޭގެ ގުޅުމުގެ އާ ދައުރެއްގެ ފެށުން ކަމަށެވެ.
ޑިޖިޓަލައިޒޭޝަން އާއި ތިމާވެއްޓާއި އަދި ސިޔާސީ މަޝްވަރާގެ ދާއިރާތަކުން އެސްޓޯނިއާއާ އެކު ސޮއިކުރެވުނު އެމްއޯޔޫތަކާއި އަދި ފައިދާ ހުރި ގިނަ ބައްދަލުވުންތަކުން، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ވަރަށް ބޮޑު އުއްމީދެއް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެ ގައުމުގެ އިޖާދީ ކުރިއެރުންތައް ބަލައި ތަޖުރިބާކޮށްލެއްވުމުގެ ފުރުސަތު ފަހިކޮށްދެެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.