ސައިފްގެ ގަޔަށް 6 ތަނކަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި

އައިޝަތު ރުވާ ރިފްޢަތު | 76 ދުވަސް ކުރިން - 13:20
ބޮލީވުޑް އެކްޓަރު ސައިފް އަލީ ހާން
ބޮލީވުޑް އެކްޓަރު ސައިފް އަލީ ހާން
ޚުލާސާ

މި ހާދިސާ ހިނގާފައިވަނީ ސައިފް ދިރިއުޅޭ ގެއަށް ވައްކަން ކުރަން ރޭ ދަންވަރު ވަދެގެން އުޅުނު މީހަކު ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައި.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާންގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އޭނާ ދިރިއުޅޭ ގެއަށް ވައްކަން ކުރަން ރޭ ދަންވަރު ވަދެގެން އުޅުނު މީހަކު ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާގެ މުމްބާއީގެ ބެންޑްރާ ސަރަހައްދުގައި ހުންނަ އިމާރާތެއްގެ 11 ވަނަ ފްލޯގައި ދިރިއުޅޭ ސައިފް އަލީ ހާން އާއި އޭނާގެ އަނބިކަނބަލުން، އެކްޓްރެސް ކަރީނާ ކަޕޫރް ހާން އަދި އެ ދެމަފިރިންގެ ދެ ދަރިން ތިއްބަވަނިކޮށް މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ސައިފްގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރާފައިވަނީ އެ ވަގު ހުއްޓުވަން އުޅުމުން ކަމަށް ވެސް ނޫސްތަކުން ބުނެފައިވެއެވެ.

ސައިފްގެ ޕަބްލިސިސްޓް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެއިން ވައްކަން ކުރަން މީހަކު ވަދެ، އޭނާ ހުއްޓުވަން އުޅެނިކޮށް ސައިފަށް ހަމަލާދިން ކަމަށާއި، މިހާރު އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. ސައިފަށް ފަރުވާދެމުން އަންނަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައެވެ.

ހިންދުސްތާން ޓައިމްސް ނޫހުގައި ލީލާވަތީ ހޮސްޕިޓަލާ ހަވާލާދީ ބުނެފައިވަނީ ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި، ދެ ތަނެއްގައި ވަރަށް ފުން ޒަހަމެއް ހުރި ކަމަށެވެ. އަދި އޭނާގެ ކަރަށް ވެސް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އިމަޖެންސީގައި ސާޖަރީއެއް ކުރުމަށް ރޭ ފަތިހު ސައިފް ތިއޭޓަރަށް ވައްދާފައިވާ ކަމަށާއި، މި ވަގުތާ ހަމައަށްވެސް އަދި ނުނެރޭ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ސައިފް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން އާއި އެ ގޭގައި މަސައްކަތްކުރަން އުޅޭ މީހަކު ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ހަމަލާ ދިން މީހާ ވަނީ ފިލައިގެން ގޮސްފައެވެ. މި މައްސަލަ މުމްބާއީގެ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%