ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރަމުން އަންނަ ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް 9 ބިމެއް ކުއްޔަށް ދޫކުރަން އެ ސިޓީގެ ކައުންސިލުން އިއްޔެ އިޢުލާނުކޮށްފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ބުނީ އެ ރަށު ބަނދަރު ސަރަޙައްދުން ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ބޮޑު މިނަކީ 1،200 އަކަފޫޓު ކަމަށެވެ. އަދި އެ ބިންތައް ކުއްޔަށް ދޫކުރަނީ ބީލަން އުޞޫލުން ކަމަށް ބުންޏެވެ.
އެ ބިން ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް ބިޑް ފޮތެއް ވިއްކަނީ 100 ޑޮލަރަށެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ދޭ އެ ބިންތަކަށް ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.
ފުވައްމުލަކު ބަނދަރު ސަރަޙައްދުން ފަތުރުވެރިކަމުގެ ބޭނުމަށް މިދިޔަ އަހަރު ވެސް ބިން ދޫކޮށްފައިވެއެވެ.
މިދިޔަ އަހަރު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ވަނީ ފުވައްމުލަކުގައި 108 އެނދުގެ ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެ ހޮޓާ ތަރައްޤީކުރަން ހަމަޖައްސާފައި ވަނީ އެ ރަށު "ބިޅިފޭށި" ހުސް ބިމުގައެވެ. އެއީ 400 ކޮޓަރި އާއި ރެކްރިއޭޝަނަލް ޚިދުމަތްތަކާ އެކު ހަދާ ހޮޓަލެކެވެ.
ފުވައްމުލަކަކީ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ ރަށެވެ. އަދި އެ ސަރަޙައްދަކީ ދުނިޔޭގައި ވެސް އެންމެ ރީތި ޓައިގާ ޝާކް ޕޮއިންޓް ފެންނަ ސަރަޙައްދުގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަޙައްދެކެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އަންނަނީ އެ ރަށުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ބޮޑު ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.