އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ ހައްލުވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު (މޭޖާ ރިޓަޔާޑް) މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހް ވިދާޅުވީ މައްސަލަ ޖެހުނު ފަސް އިންޖީނަށް ބޭނުންވާ ސްޕެއާ ސްޓެލްކޯގެ އެހީތެރިކަމާއެކު ލިބިފައިވާ ކަމަށެވެ. އަދި އެ ތަކެތި އަޅުވާ މިއަދު ހެނދުނު އެއް ޖަނަރޭޓަރު އަލުން ބޭނުން ކުރަން ފަށާނެކަމަށްވެސް ނަޖާހް ވިދާޅުވިއެވެ.
"48 ގަޑިއިރުގެ ތެރޭގައި ދެވަނަ ޖެންސެޓެއް އަޅުގަނޑުމެން ސިސްޓަމަށް ގެންނާނަން. އެ ހިސާބުން އަޅުގަނޑު ގަބޫލުކުރަނީ ކަރަންޓު ނުކެނޑި އަޅުގަނޑުމެންނަށް ހިދުމަތް ދެވޭނެއޭ،" ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން ނަޖާހު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ހައުސްގައި ބޭނުންކުރާ 20 އިންޖީނުގެ ތެރެއިން 5 އިންޖީނަށް މައްސަލަ ދިމާވެ، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އަންނަނީ ކަރަންޓް ކަނޑަމުންނެވެ. މި މައްސަލަ ބޮޑުވެ އައްޑޫ ސިޓީ ތަމްސީލުކުރާ މަޖިލިސް މެންބަރުން އިއްޔެ ވަނީ ފެނަކައިގެ އިސްވެރިންނާ ވެސް ބައްދަލުވެސް ކޮށްފައެވެ.
އަންނަ ރޯދަމަހަށް އައްޑޫ ސިޓީގެ ކަރަންޓް ލޯޑު މަތިވާނެތީ އިތުރު ދެ ޖެންސެޓް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ނަޖާހް ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި މިވަގުތު 26.8 މެގަވޮޓްގެ ކަރަންޓު ކެޕެސިޓީ ގާއިމުކުރެވިފައި ވީނަމަވެސް، އޭގެ ތެރެއިން ބޭނުންކުރެވޭ ހާލަތުގައި ހުރީ 15.5 މެގަވޮޓްގެ ކެޕެސިޓީއެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 32 މެގަވޮޓްގެ އާ ޕަވާ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ.