ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މަޢުލޫމާތު ބަދަލުކުރުމަށް އެސްޓޯނިއާއާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި އެސްޓޯނިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ކްލައިމެޓް މިނިސްޓަރު ޔޯކޯ އަލެންޑާއެވެ.
ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި މަޢުލޫމާތު ބަދަލުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށީގެ މައްސަލަތަކަށް ޙައްލުތަކެއް ހޯދައި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ރާއްޖޭގައި ހަރުދަނާކުރުން ކަމުގައި ވެސް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އަދި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އިއްޔެ އެސްޓޯނިއާގެ ކްލައިމެޓް މިނިސްޓަރު ޔޯކޯ އަލެންޑާއާ ބައްދަލުކުރައްވާފައެވެ.