ބޮލީވުޑްގެ މަޝްޙޫރު ދެ ތަރި ކަމަށްވާ ޝްރައްދާ ކަޕޫރާއި އަދިތިޔާ ރޯއީ ކަޕޫރް އެކުގައި ތިންވަނަ ފިލްމެއް ކުޅެން ނިންމައިފިއެވެ.
މި ދެ ތަރިން މީގެ ކުރިން ވެސް ދެ ފިލްމެއްގައި އެކުގައި މަސައްކަތްކޮށް، އެ ދެ ފިލްމު ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ރިޕޯޓުތަކުން ހާމަވާ ގޮތުގައި، މި ދެ ތަރިން އެކުގައި ކުޅެން ނިންމާފައިވާ ތިންވަނަ ފިލްމަކީ، އެ ދެމީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "އާޝިގީ 2" ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމެކެވެ. މިފަހަރު ގެންސްދޭން ނިންމާފައިވާ ފިލްމަކީ ވެސް ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް، މި ފިލްމާ ގުޅޭ އިތުރު ތަފްސީލުތަކެއް އަދި އާންމުކޮށްފައެއް ނުވެއެވެ.
މޯހިތު ސޫރީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2022 ވަނަ އަހަރު ރިލީޒްކުރި "އޭކް ވިލަން ރިޓާންސް" އެވެ. ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، މޯހިތު މިހާރު އުޅެނީ ވައިއާރްއެފްގެ ފިލްމެއް އުފެއްދުމުގެ މަސައްކަތުގައެވެ. އެ ފިލްމަކީ އަނަންޔާ ޕާންޑޭގެ ކަޒިންއެއް ކަމަށްވާ އަހާން ޕާންޑޭ ބޮލީވުޑަށް ތަޢާރަފުކުރަން ހަމަޖެހިފައިވާ ފިލްމެވެ.
ޝްރައްދާ އާއި އަދިތިޔާ އެކުގައި ކުޅުނު ދެވަނަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2017 ވަނަ އަހަރު ގެނެސްދިން "އޯކޭ ޖާނޫ" އެވެ. މި ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "އާޝިގީ 2" އާއި ދެވަނަ ފިލްމު "އޯކޭ ޖާނޫ" ވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައިކަން ފާހަގަކޮށްލެވެއެވެ.