މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިޤް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޔޫއޭއީގެ އަބޫ ދާބީގައި މިހާރު ކުރިއަށް ގެންދާ އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) އެސެމްބްލީގެ 15 ވަނަ ޖަލްސާގައި ތޯރިޤް އިއްޔެ ތަޤުރީރު ކުރެއްވި ކަމަށެވެ.
ރާއްޖޭގައި ޤާއިމުކުރެވިފައިވާ އިޔާދަކުރަނިވި ހަކަތައިގެ ޤާބިލިއްޔަތު އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް ތޯރިޤުގެ ތަޤުރީރުގައި ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ދުބާއީގައި ބޭއްވި ކޮޕް 28 ސަމިޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ރާއްޖެއިން ކާމީޔާބު މަސައްކަތްތަކެއް ކުރަމުން ގެންދާކަން ވެސް ތޯރިޤް ފާހަގަކުރެއްވިއެވެ.
އެގޮތުން 170 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމަށާއި ދުނިޔޭގެ ޤައުމުތަކުން އެއްބަސްވެފައިވާ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ވެސް ތޯރިޤް ވިދާޅުވިއެވެ.
އައިރީނާ އެސެމްބްލީގައި ތޯރިޤުގެ އަރިހުގައި، ރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސައިން ޝަރީފް އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ ވެސް ބައިވެރިވެވަޑައިގަތެވެ.