2024 ވަނަ އަހަރު ނިމުނުއިރު ދިވެހި ދައުލަތުގެ ޖުމްލަ ރިޒާވް 821 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 63 މިލިއަން ޑޮލަރުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން ޑިސެންބަރު މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ރިޒާވްގެ ހިސާބުތަކަށް ބަލާއިރު، ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 673.2 މިލިއަން ޑޮލަރެވެ. މީގެ އިތުރުން، ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައިވާ 146.3 މިލިއަން ޑޮލަރާއި، ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓުމަންޓުގެ ގޮތުގައި 2.3 މިލިއަން ޑޮލަރު ހިމެނެއެވެ. މިއާއެކު، ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި ޖުމްލަ 148.6 މިލިއަން ޑޮލަރު ހުރިކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ.
ޖުމްލަ ރިޒާވް ހިސާބުކުރަނީ ރަސްމީ ރިޒާވްއާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުތައް އެއްކޮށްލައިގެންނެވެ. އެހެންކަމުން، ޖުމްލަ ރިޒާވްގައި 821 މިލިއަން ޑޮލަރު ހުރިކަމަށް ވަނީ ހިސާބުކުރެވިފައެވެ. ނަމަވެސް، ބޭނުންކުރެވޭ ރިޒާވް ހިސާބުކުރަނީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އަދާކުރަންޖެހޭ ބޭރުގެ މާލީ އިލްތިޒާމުތައް ޖުމްލަ ރިޒާވްއިން އުނިކުރުމަށްފަހުގައެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކުގެ ގޮތުގައި 758.6 މިލިއަން ޑޮލަރު އެބަހުއްޓެވެ. މި ޢަދަދު ޖުމްލަ ރިޒާވްއިން އުނިކުރުމުން، ބޭނުންކުރެވޭ ރިޒާވްގައި ހުރީ އެންމެ 63 މިލިއަން ޑޮލަރެވެ.
ރިޒާވް މިހާ ބޮޑަށް ދަށްވުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމަށް ފިޗްއާއި މޫޑީސް ފަދަ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ނިންމި މައިގަނޑު ސަބަބެވެ. މި ޙާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން ވަނީ ބޭންކް އޮފް އިންޑިޔާއާއެކު ކަރަންސީ ސްވޮޕް އެއްބަސްވުމެއް ޤާއިމުކޮށް، 400 މިލިއަން ޑޮލަރު ރިޒާވްއަށް އިތުރުކޮށްފައެވެ.