2025 ވަނަ އަހަރު ވެގެންދާނީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީގައި ކުލަ ޖެހިގެންދާ އަހަރަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު، އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިފަދައިން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު، މަސްވެރި ކޮމިއުނިޓީތަކުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. އަދި ރައީސްގެ މި ދަތުރުފުޅުގައި ހުވަދު އަތޮޅު ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރެއްވި އިރު، މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް ރައީސް ކުރައްވަމުން ގެންދަވާ އަދި ކުރައްވަން ރާއްވަވާފައިވާ ކަންކަން މަސްވެރި ކޮމިއުނިޓީތަކުން ވަރަށް ބޮޑަށް ބަލައިގަންނަކަން ފާހަގަކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީރު ވަނީ މި ދަތުރުފުޅުގެ ތެރެއިން ހުވަދު އަތޮޅު ދެކުނުބުރީގެ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، އަދި ފިޔޯރީގެ ރައްޔިތުން ރައީސަށް ކިޔުއްވި މަރުޙަބާއަށް ޝުކުރު ދަންނަވާފައެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ އެންމެ ފުރަތަމަ ދެ ދުވަހު ވެސް އެންމެ ގިނައިން މަސް ކިރުވާފައިވަނީ ހުވަދު އަތޮޅުންނެވެ. އެގޮތުން ހުވަދު އަތޮޅު ދެކުނުބުރިން 22 ދޯންޏަކުން 92.6 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، ހުވަދު އަތޮޅު އުތުރުބުރިން 20 ދޯންޏަކުން 80.7 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މިހާރު މިފްކޯއިން ދަނީ މަސް ކިރާތާ ދެ ދުވަސްތެރޭ ކިރުވި މަހަށް ފައިސާ ދޫކުރަމުންނެވެ. އަދި މަސްވެރިކަމަށް ބޭނުންވާ ތެޔޮ ކްރެޑިޓަށް ދޫކުރުމުގެ މަސައްކަތްބވެސް މިފްކޯއިން ދަނީ ކުރަމުންނެވެ.