މަސްވެރިކަމުގެ ސިނާޢަތަށް މިއަހަރު އައު އުންމީދުތަކެއް ގެނެސްދޭނެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މިއަހަރަކީ މަސްވެރިކަމުގެ ސިނާޢަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދުތަކުގައި ކުލަޖެހިގެންދާނެ އަހަރު ކަމަށެވެ. މިގޮތުން، ގދ. ފިޔޯރީގައި އައު މަސްކާރުހާނާއެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ މަހު ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކާރުހާނާގައި 100 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ކެޕޭސިޓީއާއި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއެއް ތަރައްޤީކުރެވޭނެއެވެ.
މީގެއިތުރުން، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް އިތުރު 4000 ޓަން އިތުރުކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25000 ޓަނަށް އިތުރުކުރުމެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މިހާރު ސަރުކާރުން ދަނީ މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެމުން ކަމަށެވެ. އަދި ހުވަދުއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް މަސްވެރިން ވަރަށް ބޮޑަށް ބަލައިގަންނަކަން ފާހަގަކުރެވުނު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.