ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލާއި ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީ އާއިގުޅޭ މުހިންމު އަދި އުންމީދީ މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.
ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި، އެ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު އާއި ސަރުކާރުގެ ވަޒީރުން ވަނީ ކަނޑުހުޅުދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން، ކައުންސިލުން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްގެ ސަމާލުކަމަށް ގެނެސްދެއްވިއެވެ.
ކައުންސިލުން ފާހަގަކުރެއްވި މައިގަނޑު ކަންކަމުގެ ތެރޭގައި ބަނދަރުގެ ދަތިކަމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ލަސްވަމުންދާ މައްސަލަ ހިމެނެއެވެ. އަދި ފުޓުބޯޅަދަނޑު މަރާމާތު ކޮށްދިނުމަށާއި، ޞިއްޙީ މަރުކަޒުގެ ރޭމްޕްގެ މައްސަލަ ޙައްލުކޮށްދިނުމަށާއި، ރަށުގެ ކަރަންޓުގެ ދަތިކަން ފިލުވައިދިނުމަށް ވެސް ކައުންސިލުން ރައީސްގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ.
ކައުންސިލުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުން ރައީސް ވިދާޅުވީ، މި މައްސަލަތައް ރަނގަޅަށް ދިރާސާކުރައްވައި، އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ޔަގީންކަން ރައީސް ދެއްވުމާއެކު، ކައުންސިލުން ވަނީ ވަރަށް ބޮޑަށް އުފާކުރައްވައި، ރައީސަށް ޝުކުރު ދަންނަވާފައެވެ
މި ބައްދަލުވުމަކީ ރައީސް މުޢިއްޒުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވުނު ބައްދަލުވުމެކެވެ. ރައީސްގެ މި ޒިޔާރަތާއެކު، ކަނޑުހުޅުދޫގެ ރައްޔިތުންނަށް އައު އުންމީދުތަކެއް ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ހިތްވަރެއް ލިބިގެންދިކަން ކަށަވަރެވެ.