ގައުމުގައި އަށަގަނެފައިވާ ނޭދެވޭ އާދަތަކުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތްތަކަކީ ރައްޔިތުންނަށް އުނދަގޫ ކުރުމަށް ކުރާ ކަންކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގދ. ވާދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ތަރައްގީއަކީ ހަމައެކަނި ލޮލަށް ފެންނަ އަތުން ހިފޭ މަޝްރޫއުތައް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީކޮށް، އަޚްލާޤު ރަނގަޅުކޮށް، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ ވެސް ތަރައްގީގެ ބައެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މުޖުތަމައުގައި ފެންނަ ގޯސްކަންތައްތަކަށް "ނޫނެކޭ" ބުނުމުގެ ހިތްވަރު ރައްޔިތުންގެ ކިބައިގައި އޮންނަންޖެހޭ ކަމަށެވެ. އަދި ޒަމާންތަކެއް ވަންދެން ގޯސްކޮށް ހިނގަމުން އައި ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެކިއެކި ވަބާތަކުން ގައުމު ސަލާމަތް ކުރުމަށާއި، އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައިވާ ނޭދެވޭ އާދަތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކަކީ ރައްޔިތުންނަށް އުނދަގޫ ކުރުމަށް ކުރާ ކަންކަމެއް ނޫން. އަޅުގަނޑުގެ ނިޔަތަކީ ހުރިހާ ރައްޔިތުން ގުޅިގެން ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް މުސްތަގުބަލަށްޓަކައި ބައެއް އުނދަގޫ ނިންމުންތައް ނިންމަން ޖެހިދާނެ ކަމަށެވެ. ނަމަވެސް މިއީ ޖީލުތައް ސަލާމަތް ކުރުމަށާއި ހަގީގީ މާނައިގައި ތަރައްގީވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ކުރަންޖެހޭ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.