ގދ. ވާދޫއަށް ބޭނުންވެފައިވާ ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ހުވަދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ގދ. ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވާހަކަފުޅު ދެއްކެވުމުގެ ކުރިން ވާދޫ ކައުންސިލްގެ ރައީސް ޙަސަން ޢަބްދުﷲ އަދި ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ ވާދޫގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ރައީސް އާ ޙިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ވާދޫގެ ރައްޔިތުން އެދިވަޑައިގެންނެވި ފަދައިން ވާދޫއަކީ ސަރުކާރުތަކުން އަހަންމިއްޔަތުކަން ދޭން ޖެހޭ ރަށެއް ކަމަށާއި، ޚާއްސަކޮށް ތަޢުލީމީ ދާއިރާއިން ވާދޫއަށް ވަރަށް ގިނަ ކަންތައްތައް ޙައްލުކޮށްދޭން އެބަހުރި ކަމަށެވެ. އެގޮތުން ވާދޫގެ ސްކޫލަށް އިތުރުކުރަން ޖެހޭ ކްލާސްރޫމާއި، މަލްޓި-ޕާޕޯސް ހޯލްގެ މަސައްކަތް ހުއްޓިފައިވާއިރު، އެ މަސައްކަތުގެ ސްޕީޑު އަވަސްކޮށް އަވަހަށް ނިންމަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވާދޫ ސްކޫލުގައި ދިވެހި ޓީޗަރެއް ނެތުމުން ކުރިމަތިވެފައިވާ ތަކުލީފަށްވެސް އަވަސް ޙައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މައްސަލައިގައި ދަތިވެފައިވަނީ ދިވެހި ޓީޗަރެއް ހޯދަން ކަމަށާއި، ވޭޖް އުސޫލުން ވިޔަސް އަދި ވަގުތީ ގޮތުން ވިޔަސް ދިވެހި ޓީޗަރެއް ލިބުނުހާ އަވަހަކަށް މިނިސްޓްރީން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގދ. ވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ މި މަހު ތަންފީޒް ކުރަން ފަށާ ބަޖެޓުގެ ތެރެއިން، އެންމެ އިސްކަމެއް ދޭ އުމްރާނީ ތަރައްޤީގެ މަސައްކަތަކަށް ވާނީ ވާދޫގައި ހަދަން ޖެހޭ މައި މަގުތައް ހަދައިދިނުން ކަމަށެވެ. ހަމަ އެއާއެކު، ސިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ވާދޫގެ ތަރައްޤީ ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާވާނެ ކަހަލަ ފުރުޞަތުތައް ފަޅު ރަށްތައް މެދުވެރިކޮށް ވާދޫއަށްވެސް ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވާދޫގެ ކުނި މެނޭޖުކުރުމާއި ޒުވާނުންނާއި ކުޅިވަރާއި ގުޅޭ ގޮތުންވެސް ރަށަށް ބޭނުންވެފައިވާ ކަންތައްތައް ފަހިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މި އަހަރު މަސައްކަތްތައް ފަށައި ތަރުތީބުކޮށް، ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތް 2027 އާ ހަމައަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.