މިހާރު ގްރޭޑް 8 އާއި 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯ ލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އިއްޔެ އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ސޮއިކުރައްވައި ހުރިހާ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދިރާސީ އަހަރަށް ގެނެވުނު ބަދަލާއި ގުޅިގެން ސާނަވީ ނިންމާ އިމްތިހާނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެކަމަކު، ގްރޭޑް 10 ގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ އޯ ލެވެލް އިމްތިހާނަށް ބަދަލެއް ނުގެނެ އެވެ. އެ އިމްތިހާން އޮންނާނީ އަންނަ މެއި/ ޖޫންގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މިހާރު ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ކުދިންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/ މާޗުގަ އެވެ. އަދި 8 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގަ އެވެ.
މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު/ ނޮވެމްބަރުގައި ކަމަށެވެ.
އޯ ލެވެލްއަށް ތައްޔާރުކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ގްރޭޑް 8 ގައި ކިޔަވަމުން އައި ކުދިންނަށް ކެމްބްރިޖްގެ މާއްދާތައް ކިޔަވައިދޭން ފަށައިފަ އެވެ. ކުރިން އެ މާއްދާތައް ކިޔަވައިދޭން ފަށަނީ ގްރޭޑް ނުވައެއްގަ އެވެ.
އެކަަމަކު އެޑިއުކޭޝަނުން ކުރިން ވަނީ މިދިޔަ އަހަރު 8 ގައި ތިބި ކުދިން މި އަހަރު މެއި/ޖޫންގައި ހެދުމަށް ނިންމާފައިވާ އޯލެވެލް އިމްތިހާނު މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށް ބަދަލުކޮށްފަ އެވެ.
މީގެ ކުރިން ވެސް މި އިންތިހާބު ބާއްވާ ތާރީހުތަކަށް ބަދަލު ގެނެސްފައިވެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ދިރާސީ އަހަރަށް ވަނީ އެކި ބަދަލުތައް ގެނެސްފަ އެވެ. ނަމަވެސް، ސަރުކާރުން މިހާރު ވަނީ ކޮވިޑްގެ ކުރިން ދިރާސީ އަހަރުތައް އޮންނަ ގޮތަށް ކޮންމެ އަހަރެއްގެ ޑިސެމްބަރަށް ބޮޑު ޗުއްޓީ ލިބޭނެ ގޮތަށް ހަދަން ނިންމައިފަ އެވެ. އެގޮތަށް މި އަހަރުން ފެށިގެން ޑިސެމްބަރުގައި ސްކޫލް ބޮޑު ޗުއްޓީ ލިބޭނެ އެވެ.