ޗައިނާގެ ޓިބެޓް ސަރަޙައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 95 މީހުން މަރުވެ، 130 މީހުން ޒަޚަމްވެފައިވާ ކަމަށް ޗައިނާގެ ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ.
ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ މި ބިންހެލުން އައިސްފައިވަނީ ހިމާލަޔާ ފަރުބަދަ ސަރަޙައްދަށް ވަދެވޭ މަގާއި ދިމާލުން ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމުގެ އަސަރު އިންޑިޔާ، ނޭޕާލް އަދި ބޫޓާނަށްވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ޓިބެޓުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ސިގަޓޭޝް ކައިރީގައި މި ބިންހެލުން އައުމާއި ގުޅިގެން 32 މީހުން މަރުވެ، ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ޗައިނާގެ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ މި ސަރަޙައްދުގެ ފިނިހޫނުމިން މައިނަސް އަށް ޑިގްރީ ސެލްސިއަސްއާ ހަމައަށް ދަށްވެފައިވާ ކަމަށެވެ.
ޗައިނާގެ އާތްކުއޭކް ނެޓްވޯކްސް ސެންޓަރުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، 200 ކިލޯމީޓަރުގެ މި ސަރަޙައްދަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ.
މި ބިންހެލުމުގެ އަސަރު އިންޑިޔާގެ ބިހާރު ސްޓޭޓަށާއި، ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށްވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި މައުންޓް އެވަރެސްޓް ކައިރީގައި އޮންނަ ނޭޕާލްގެ ހިމާލަޔާން ސަރަޙައްދުގެ ލޮބޫޗޭގެ ވަށައިގެންވާ ސަރަޙައްދުތަކަށް ވެސް ބިންހެލުމުގެ އަސަރު ކޮށްފައިވެއެވެ.
ނޭޕާލް އަދި ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަޙައްދުތަކަކީ ބިންހެލުންތައް ގިނައިން އަންނަ ސަރަޙައްދުތަކެއް ކަމަށް ފާހަގަކުރެވެއެވެ. 2015 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫއަށް އައި 7.8 ގެ ބާރުމިނުގެ ބިންހެލުމުގައި 9,000 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.
މިއަދު އައި ބިންހެލުމުގެ ސަބަބުން ސްޓްރަކްޗަރަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބިންހެލުމުގެ މަރުކަޒު ކައިރީގައި އޮންނަ ޓިންގްރީ ކައުންޓީގައި ގާތްގަނޑަކަށް 1،000 ގެ ވެއްޓިފައިވެ އެވެ. ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށްދާއިރު، 200 ސިފައިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 1،500 މީހުން ދަނީ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރި ވަމުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
މީގެ ދެ އަހަރު ކުރިން 2023 ވަނަ އަހަރު އައި ބިންހެލުމެއްގައި ވެސް ޗައިނާއިން 148 މީހުން މަރުވެފައި ވެއެވެ.
މިއަދުގެ މި ބިންހެލުމާއި ގުޅިގެން ޗައިނާގެ ސަރުކާރުން ވަނީ ކުއްލި ހާލަތު އިޢުލާންކޮށް، ސަލާމަތީ އަދި ފަރުވާދޭ ޚިދުމަތްތައް އަވަސް ކުރުމަށް މަސައްކަތް ފަށާފައެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ.