ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހުއްޓުމެއް ނެތި ވެހުނު ވާރޭގެ ސަބަބުން މުޅި ރާއްޖެ ފެން ބޮޑުވެ އެތައް ގެޔަކަށާއި ފިހާރަތަކުގެ ތެރެއަށް ފެން ވަދެ ތަކެއްޗަށް ދަނީ ގެއްލުން ލިބެމުންނެވެ.
މިއީ ލަންކާ ސަރަޙައްދުގައި އޮތް ކޮޅިގަނޑަކާއި ރާއްޖެ މަތީގައި އޮތް ދެ ކޮޅިގަނޑު ގުޅި އުފެދުނު "ކާރިޘާ"އެކެވެ. ކާރިޘާ ތަކަކީ އިންސާނުންގެ ކޮންޓުރޯލަށްވުރެ މާމަތީ އެއްޗަކަށް ވުމުން، މަގުތަކުގައި ބޮޑުވާ ފެން 40 އަހަރު ވެރިކަމުގައި ހުރެ މަސައްކަތް ކުރިޔަސް ދާއިމީ ގޮތަކަށް ނުހުއްޓުވޭނެއެވެ.
ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ޑުބާއީގައި ވިއްސާރަވުމުން އެއާޕޯޓް ހުއްޓުމަކަށް އައިސް މަގުތަކުގައި ފެން ބޮޑުވެ މީހުން މަރުވެ 850 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނީ މިދިޔަ އަހަރުގެ އެޕްރީލުގައެވެ. އެހެންކަމުން، ކިތަންމެ މޮޅެތި މެޝިންތައް ފޫޓަކުން ފޫޓަކުން އަތުރާލާފައި ބެހެއްޓިޔަސް ޤުދުރަތީ ކާރިޘާތަކެއް ނުހުއްޓުވޭނެއެވެ،
މިދިޔަ އަހަރު އޭޕްރީލްގައި ޑުބާއީގައި ފެން ބޮޑުވެފައި. އެޤައުމަކީ އެންމެ މޮޅު ފެން ހިންދާ ނިޒާމް ހުންނަ އެއް ޤައުމު.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މި “ކާރިޘާ”ގައި ސަރުކާރުން މި ދަތި އުނދަގޫ ޙާލަތުގައި ވެސް އެކްޝަން ނެންގެވީ ވަރަށް ފުރިހަމައަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވަގުތުން އެކްޓިވް ވިއެވެ. އެތަނުން ވަނީ ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު މިހާރުން މިހާރަށް އެހީ ފޯރުކޮށްދޭން ކޮންމެހެން ލާޒިމް ފަރާތްތައް ދެނެގަނެފައެވެ. އެގޮތުން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގޭގެ މީހުންނަށް އެހީ ވުމާއި އެހެންތަންތަނަށް ބަދަލު ކުރަން ޖެހޭ މީހުން ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެރިރަށް މާލެއިން އެކަނި ގާތްގަނޑަކަށް 10،000 ޓަނުގެ ފެން ހިއްކާފައިވެއެވެ. މިކަމުގައި ފެންބޮޑުވުމުގެ އަސަރު ކުރި ހަ ސަރަހައްދެއްގައި 16 ޕަމްޕް ވެސް އެމްއެންޑީއެފުން ބެހެއްޓި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަރ ހަނާ މުހައްމަދު ކަށަވަރުކޮށްދެއްވި ގޮތުގައި އދ. މާމިގިލި، އަދި ކުޑަހުވަދޫ ރައްޔިތުންނާއި ގުޅިގެން އެމްއެންޑީއެފް އިން ދަނީ އެރަށްރަށުގައި ފެންބޮޑުވުން ކުޑަކުރުމަށާއި ރައްޔިތުންނާއި މުދާތައް ހިމާޔަތް ކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ.
ހަމައެހެންމެ، 85 ޕަސަންޓު ގެތަކަށް ފެން ވަދެ ދެފޫޓަށް ފެން ބޮޑުވި ފ. ނިލަންދޫއަށް ވެސް ހިފެހެއްޓުމެއްނެތި ސަރުކާރުން ދަނީ އެހީތެރިކަން ފޯރުވައި މޮނިޓާ ކުރަމުންނެވެ.
އުދަ އެރުމާއިއެކު ކުރި މި ވިއްސާރައިގެ ސަބަބުން އެންޑީއެމްއޭ އަށް އެހީތެރިކަމަށް އެދި 400 އަށް ވުރެ ގިނަ ފަހަރު ކޯލް އައެވެ. އެފަރާތްކަށް އެހީތެރިކަން ފޯރުކޮށްދިނެވެ. ވަގުތުން ހުރިހާ ތަނަކަށް މިފަދަ ވަގުތެއްގައި ސިކުންތުން ސިކުންތަސް އެހީތެރިކަން ފޯރުވުން އެއީ ނުވާނެ ކަމެކެވެ. ނަމަވެސް، ރެޕިޑް އެސެސްމަންޓްތަކުން ފާހަގަކުރެވުނު 35 ގޭބިސީއަކީ ވަރަށް ހާލުގައި ޖެހިފައިވާ ގޭބިސީ ކަމަށްވާތީވެ އޭގެ ތެރެއިން ގެއިން މީހުން ބަދަލުކުރުން މަޖުބޫރު ވެފައިވާ ފަރާތްތަކަށް އިސްކަން ދިނެވެ. އެގޮތުން 226 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭ އިން ދަނީ އަސަރުކުރި އާއިލާތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ހާލަތު މޮނިޓަރ ކުރަމުންނެވެ.
އެމްއެންޑިއެފްއިން މިއަދު 10،000 ޓަނެއްހާ ފެން ވަމީ ހިއްކާފައި.
ވިއްސާރައިގެ އަސަރު ކުރިލެއް ބޮޑުކަމުން، މަގުމައްޗަށް ކުނީގެ އަސަރު ކުރުމުގެ ސަބަބުން ފެން ހިއްކުމުގެ މައްސަލަތައް އިތުރަށް ގޯސްވާތީވެ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ އެއްވެސް ގެއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެސް އިލްތިމާސްކޮށްފައެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އިއުލާން ކުރެއްވި ގޮތުގައި ކުނި ނެގުމަށް ވެމްކޯގެ ޓީމުތަކުން ދޮރުން ދޮރަށް ކުނި ނެގުމުގެ މަސައްކަތް ކުރާނެއެވެ. ކިތަންމެ މަތީގައި ހުރި ފަންގިފިލާއަކަސް ވެމްކޯއިން ހީވާގި ކަމާއެކު އެ ފަންގިފިލާއަކުން ކުނި ނަގައި ރައްކާތެރިކަމާއެކު ނައްތާލާނެއެވެ.
ބޯކޮށް ވާރޭވެހި އެމްޓީސީސީ، އާރްޓީއެލްގެ ދަތުރުފަތުރުގެ ނެޓްވޯކްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. ފުލުހުން ވަނީ މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ. މިއީ އެ ބަރު އުޅަނދުފަހަރުން މަގުތަކުގެ ފެންގަނޑު އުސްވިޔަ ނުދިނުމަށާއި މުދަލާއި ރައްޔިތުންގެ ސަލާމަތަށް ސަރުކާރުން އެޅި ފިޔަވަޅެކެވެ.
ހުއްޓާނުލައި ވެހެމުންދާ ވާރޭގެ ސަބަބުންނާއި ޖެހޭ ގަދަ ވައިގެ ސަބަބުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެތެރޭގެ އަދި ބައިނަލްއަގުވާމީ ދަތުރުތަކަށް ވެސް ބުރޫ އެރިއެވެ. ސީޕްލޭންތަކުގެ އޮޕަރޭޝަންތަކަށް ވެސް ބޮޑެތި ބުރޫތަކެއް އައިސްފައިވާއިރު، އެއާޕޯޓު ވަނީ ތޮއްޖެހިފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި އެމްއެންޑީއެފުން ކަނޑުމަތީގައި ވެސް ދަނީ މެދުނުކެނޑި ހަރަކާތްތެރިވަމުން.
މި ދަތިކަން މެނޭޖްކުރުމަށް ލިމިޓެޑް ވަޞީލަތްތަކާއެކު ވެސް ސަރުކާރުން ވަރަށް ފުރިހަމަޔަށް ވޮލަންޓިއަރުން ވެސް ގެނެސް 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ނަމަވެސް ގޮންޖެހުންތައް އަދިވެސް ވަރަށް ބޮޑެވެ. ކާރިޘާ މަތަ ނުކުރެވޭނެއެވެ. ނަމަވެސް ސަރުކާރުގެ ޚާއްޝަކޮށް އެމްއެންޑީއެފް އާއި، ވެމްކޯ އަދި އެޗްޑީސީ އާއި އެމްޓީސީސީގެ އިތުރުން އެމްއޭސީއެލްއާއި އެމްޕީއެލްގެ އިތުރުން އެނޫންވެސް އެސްއޯއީތަކުން ވޮލެންޓިއަރުން ނެރެގެން ކުރި އަދި ކުރަމުންދާ މަސައްކަތްތައް ވަރަށްވެސް ރަނގަޅެވެ.