މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން މަގު މައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަންގައިފިއެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލެ އަދި ހުޅުމާލެ ފެންބޮޑުވެފައިވާތީ، އެއްވެސް ބޭފުޅަކު މަގުމައްޗަށް ކުނި ނުނެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މުޖުތަބާ ވިދާޅުވީ ވެމްކޯގެ ޓީމުން ގޭގެއިން ކުނި ނެގުމަށް ގޭގެ މަތީ ފްލޯތަކަށް އަރައި ކުނި ނަގާދޭނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ބ އަތޮޅުން ފެށިގެން ތ އަތޮޅަށް އޮރެންޖު އެލާޓް ނެރެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. އަދި ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބެމުންދާތީ މާލޭ ސިޓީ ކައުންސިލްއާއި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ދަނީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެކި ސަރަޙައްދުތަކުގައި ކުރަމުން ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އަދި މާލޭއިން ފެން ހިންދުމުގެ މަސައްކަތް 3 ސަރަޙައްދެއްގައި ނުވަ ޕަންޕް ބޭނުންކޮށްގެން ކުރަމުންގެންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.