ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހުރިހާ ކަމެއް އޮތީ ފާލުން ނެއްޓިފައި ކަމަށާއި މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޮޑެތި ކާމިޔާބީތައް ހޯއްދަވާފައިވާ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.ްޖެއެވެ.
ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ދަށަށް ގޮސްފައެވެ. އަދި ހަމަޖެހުމާއި އިޖުތިމާޢީ ޢަދާލަތާއި އިންސާފު ޤާއިމްކުރުމުގެ ނިޒާމުތައް ވެސް އޮތީ ފެއިލްވެފައެވެ.
"ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ހުރިހާ ކަމެއް އޮތީ ފާލުން ނައްޓާފައި. ހަމެޖެހުމާއި އިޖުތިމާޢީ އަދާލަތާއި އިންސާފު ޤާއިމްކުރުމާއި މާލީ ހާލަތު އޮތީ ފެއިލްވެފައި. އެހެން އޮއްވާ 1 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ރައީސް މުޢިއްޒުގެ ސަރުކާރުން ހޯއްދަވައިފި،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި ދަތި ހާލަތުގައި ވެސް ރައީސް މުޢިއްޒުގެ ސަރުކާރުން 1 އަހަރު ދުވަހުގެ ތެރޭގައި މުހިންމު ކާމިޔާބީތަކެއް ހޯއްދާފައިވާ ކަމަށް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އިޤްތިޞާދު ފުޅާކުރުމަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާއި، ޗައިނާއާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި، މިހާތަނަށް ރާއްޖެއަށް ނާންނަ މިންވަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން ހިމެނެއެވެ.
ޢަބްދުއްރަޙީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން 2024 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓަކީ ރައީސް މުޢިއްޒުގެ ވަޢުދުތައް ފުއްދުމަށް އެކަށީގެންވާ ބަޖެޓެއް ނޫނެވެ. ނަމަވެސް، މި ހުރިހާ ގޮންޖެހުންތަކާއި އެކު ވެސް ރައީސް މުޢިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ޤައުމު ބަނގުރޫޓުވިޔަ ނުދީ، މެދުކެނޑުމެއް ނެތި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
2024 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށާއި ސިޔާސީ މަޝްރަޙަށް ގިނަ ބަދަލުތަކެއް އައި އަހަރެއްގެ ގޮތުގައި ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި 2025 ވަނަ އަހަރަކީ މި ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް އިތުރު ކުރިއެރުންތަކެއް ހޯދޭނެ އަހަރެއް ކަމަށް ބެލެވޭ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"މިއަހަރުގެ ބަޖެޓު ވެގެންދާނީ ސަރުކާރުގެ ދުވެލި އިތުރަށް ބާރުކޮށް ގިނަ ކާމިޔާބީތައް ހާސިލްކުރެވޭނެ އަހަރެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައި،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.