ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރީމެންޓް - އެފްޓީއޭ) އާ އެކު ދެ ޤައުމަށްވެސް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
1 ޖަނަވަރީ 2025 އިން ފެށިގެން މި އެއްބަސްވުމަށް ރަސްމީކޮށް ޢަމަލުކުރަން ފަށާފައިވާކަން އަންގައިދެމުން، މިނިސްޓަރު ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
"މިއީ ޗައިނާއާއެކު އަޅުގަނޑުމެންގެ ބަދަހި ގުޅުން ދައްކުވައިދޭ މުހިންމު ދަނޑިވަޅެއް. މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓާއި އިޤްތިޞާދީ ކުރިއެރުމަށް ދެ ޤައުމަށް ވެސް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ." ޚަލީލް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2014 ވަނަ އަހަރުއެވެ. ނަމަވެސް މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މި ފެށުނު އައު އަހަރާ އެކުގައެވެ. މި އެފްޓީއޭގެ ސަބަބުން ވިޔަފާރީގެ ދާއިރާއިން ދިވެހިރާއްޖެއަށް އައު ކުރިއެރުންތައް ހޯދުމުގެ ފުރުޞަތު ލިބޭނެކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ހުރަސްތައް ނައްތާލެވި، އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެކަމަށް ސަރުކާރުން ހާމަކުރިއެވެ.