ދަނާލު މަޝްރޫޢު ކުރިއަށްގެންދާނެ ރަށްތައް ކަނޑައަޅާފައިވަނީ އެންމެ ބޭނުން ޖެހިފައިވާ ސަރަޙައްދުތައް ދެނެގަތުމަށްފަހު ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނެފިއެވެ.
ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލު ޢިމާރާތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ކުރިއަށް އޮތް 5 އަހަރު ދުވަހުގެތެރޭގައި ދަނާލު އަޅަން ނިންމާފައިވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައެވެ. މި ރަށްތަކުން މިހާރު ބިން ހަމަޖެހިފައިވާ ކަމަށްވެސް މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ބުންޏެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ ދަނާލު މަޝްރޫޢު ކުރިއަށްގެންދާ ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށް އެދިފައިވާ ރަށްތައް ބަލައިގެންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ދަތުރުފުޅުގައި އެކި ރަށްތަކަށް ވަޑައިގަތުމުން ދަނާލު އެޅުމަށް ރައްޔިތުން އެދިފައިވާކަންވެސް ޝަފީއު ފާހަގަކުރެއްވިއެވެ.
ޝަފީއު އިތުރަށް ވިދާޅުވީ ދަނާލުތައް ތަރައްޤީކުރުމަށް ބޭނުންވާ ބިންތައް ލިބިފައިވާ ކަމަށާއި، މިފެށޭ އަހަރު ދަނާލުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށެވެ.
"އެކި ރަށްތަކުގައި މިހުރި އެކިވަރުގެ މަޝްރޫޢުތައް. އަޅުގަނޑުމެންގެ ވިސްނުމެއް ނެތް މާބޮޑެތި ޢިމާރާތްތަކެއް ހަދަން. އެ ރަށެއްގެ ކުޑަބޮޑު މިނާ އެ ސަރަޙައްދަކުން ކުދިން އަންނާނެ ވަރަކަށް ބަލައިގެން ކުރިއަށް ގެންދިޔުން. ކިޔަވައިދޭނެ ވަޞީލަތްތައް، ކޮޓަރިތަކާއި ކްލާސްރޫމްގެ ގޮތުގައި ބެނުންކުރެވޭނެ ތަންތަން ޤާއިމްކުރާނެ." ޝަފީއު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް، އެ ރަށްރަށަށް ގޮސް ޢާއިލާއާއެކު ހެޔޮއަގެއްގައި ތިބެވޭނެ ފުރުޞަތު ފަހިކޮށްދެވޭނެކަމަށް މަތީ ތަޢުލީމާއިބެހޭ ވުޒާރާއިން ބުންޏެވެ.
އަދި މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމު ޙާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ލިބި، ލުއި ފަސޭހަކަމާއެކު އެކަށޭނަ މާޙައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އެ ވުޒާރާއިން ދެކެއެވެ.