ސައުދީ އަރަބިއްޔާގެ މައްކާގައި އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން އުޅޭ މީހާއަކީ ޏ. ފުވައްމުލަކު / ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ (63 އަހަރު) އެވެ.
ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު އިއްޔެގެ ވަގުތެއްގައި ސައުދީ އަރަބިއްޔާއަށް ދިޔަ ހުސެއިން ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައީ ކުރަމުން ދަނިކޮށް ކަމަށް އެ ގުރޫޕުން މަޢުލޫމާތު ދީފައިވެއެވެ. ހުސެއިން ގެއްލުނު އިރު ހުރީ އިހުރާމުގައި ކަމަށާއި، އޭނާގެ ކަރުގައި ޖަމާޢަތުގެ ފާސް ވެސް އަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ހުސެއިން އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެކަން އަންގައިދިނުމަށް ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. މިކަމާ ގުޅިގެން މަޢުލޫމާތު ހިއްސާކުރުމަށް މައްކާއިން ގުޅޭނެ ނަންބަރުތަކެއް އަދި މާލެއިން ގުޅޭނެ ނަންބަރުތަކެއް ވެސް އެ ގުރޫޕުން ވަނީ ހާމަކޮށްފައެވެ.
މައްކާއިން ގުޅޭނެ ނަންބަރު: 593709492 966+ / 565836862 966+
މާލެއިން ގުޅޭނެ ނަންބަރު: 9199919 / 7901612
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ހުސެއިން ހޯދުމުގެ މަސައްކަތް ފަށައިފައިއެވެ. އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުންޏެވެ.