އާރުޑީސީގެ ހިޔާނާތުގެ މައްސަލައިގައި މޫކޭއާއި ގުޅުންހުރި ތަންތަން ފުލުހުން ބަލައި ފާސްކުރަނީ

އާނާ ފަހީމް | 16 ގަޑިއިރު ކުރިން - 03:01
ޚުލާސާ

އާރުޑީސީގެ ހިޔާނާތުގެ މައްސަލައިގައި، ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި ކުރީގެ ސީއެފްއޯ ޔާސިރު ޙަސަންއާއި ގުޅުންހުރި ތަންތަން ފުލުހުން ބަލައި ފާސްކުރަން ފަށައިފި.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތަކުގެ ތަޙްޤީޤުގެ ތެރެއިން، އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާ ގުޅުންހުރި ތަންތަނަށް ވަދެ ފުލުހުން މިރޭ ބަލައި ފާސްކުރަން ފަށައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން މިރޭ މެންދަމު 1:30 ހާއިރު ފުލުހުން ވަނީ ގ. ދިލްކަސް ގެއަށެވެ.

ފުލުހުން މިހާރު ބަލައި ފާސްކުރަމުންދަނީ މޫކޭގެ އެޕާޓްމަންޓަކާއި، އޭނާގެ އަންހެނުންގެ އެޕާޓްމަންޓެއްގެ އިތުރުން، މި މައްސަލައިގައި ތުހުމަތު ކުރެވޭ އާރުޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ޙަސަން ދިރިއުޅޭ އެޕާޓްމަންޓެވެ. ޔާސިރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މޫކޭގެ ކޮއްކޮއަކާއި ކައިވެނިކޮށްފައެވެ.

މޫކޭ (ކ) އާއި ޔާސިރު

އާރުޑީސީގެ ހިޔާނާތުގައި މޫކޭގެ އިތުރުން ޔާސިރު ޙަސަން ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ވާހަކަތައް ފެންމަތިވި ނަމަވެސް، މޫކޭ ވަނީ މި ތުހުމަތުތައް ކުރިން ދޮގުކޮށްފައެވެ.

މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ފެށީ މި އަހަރުގެ ކުރީކޮޅުގައެވެ. އެއީ ޔާސިރު ޙަސަންގެ އެކައުންޓަށް ޝައްކު އުފެދޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާ ކަމަށް ބުނެ، 13 މިލިއަން ރުފިޔާގެ މައްސަލައެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން (އެފްއައިޔޫ) ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެންނެވެ.

މީގެ އިތުރުން، ފުލުހުން ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވެ އެވެ.

މޫކޭގެ ގެ ބަލައި ފާސްކުރަމުން ދާއިރު، އާރުޑީސީގެ މައްސަލައާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ފުލުހުން މީގެ ކުރިން ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ފުލުހުން އަދި ނުކުރެ އެވެ.

އާރުޑީސީއާ ގުޅޭ މައްސަލަތަކާއި ގުޅިގެން މޫކޭ ކުރިން ވިދާޅުވެފައި ވަނީ ޓްރާންސްފާކުރި ފައިސާ އަކީ ޕެޓީ ކޭޝްގެ ގޮތުގައި އެ ކުންފުނީގެ ސައިޓުތަކަށް ފޮނުވާފައިވާ ފައިސާ ކަމަށެވެ. އޭރު ރަށްރަށުގައި ހުރި ކޮންމެ ސައިޓަކަށް ޕެޓީކޭޝްގެ ގޮތުގައި މަހަކު 10،000ރ. ޖަމާކުރާ ކަމަށާއި ޕެޓީކޭޝްގެ ގޮތުގައި ދޫކުރާ އެ ފައިސާ ޖަމާކުރަނީ މަސައްކަތު ސައިޓްތަކުގައި ތިބޭ މުވައްޒަފުންގެ އެކައުންޓަށް ކަަމަށް ވެސް މޫކޭ ވިދާޅުވެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%