ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުގެ މަސައްކަތް އަވަސްކުރުމަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ރާއްޖެއާ އެކު އިތުރު 40 މިލިއަން ޑޮލަރުގެ (616 މިލިއަން ރުފިޔާ) ލޯނު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލް އަވަހަށް ނިންމައި، ހުޅުވުމަކީ މި ސަރުކާރުގެ އަމާޒަކަށް ވާއިރު، މަސައްކަތް އަވަސްކުރުމަށް އަބޫދާބީ ފަންޑުން މީގެ ކުރިން ވެސް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އަދި ސައުދީ ފަންޑުން ވެސް 180 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ)ގެ އެހީ ހަމަޖައްސައިދީފައިވެއެވެ.
އަބޫދާބީ ފަންޑުން އިތުރަށް ދޭ އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި އަބޫދާބީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ އެވެ. އާ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އަބޫދާބީގައެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.
ސަރުކާރުން ބުނީ އާ ޓާމިނަލްއާ އެކު، އެއާޕޯޓަށް 1،800 މުވައްޒަފުން އިތުރުވާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނުން މިހާރު ޚިދުމަތް ދޭ އިރު އާ ޓާމިނަލްއާ އެކު، އިތުުރު އެއާލައިންތަކަށް ވެސް ފުރުޞަތުތައް ދެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.
މި ސަރުކާރުން އަންނަނީ އަންނަ އަހަރުގެ މެދު ތެރޭގައި އާ ޓާމިނަލް ހުޅުވައި ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.