މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އަތޮޅުތަކަށް ފުޅާކުރުމަށްޓަކައި، ކޮންމެ އަތޮޅެއްގައި އެކަމަށް ޚާއްސަ މަރުކަޒެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، އަތޮޅުތަކަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކޮންމެ އަތޮޅެއްގައިވެސް، ޚާއްސަކޮށް އާބާދީ ބޮޑު ރަށްރަށުގައި މަތީ ތަޢުލީމާއި ހުނަރު ދަސްކޮށްދޭނެ މަރުކަޒެއް ތަރައްޤީކުރުމަކީ އެ ވުޒާރާގެ އަމާޒެއް ކަމަށެވެ.
މި މަސައްކަތް އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި އެކި ކައުންސިލްތަކާއެކު މަޝްވަރާކުރަމުން ގެންދަމުންދާ ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.
ވުޒާރާއިން ބުނީ، ސަރުކާރުން މި މަރުކަޒުތައް ތަރައްޤީކުރިނަމަވެސް، އަމިއްލަ ފަރާތްތަކަށްވެސް އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ގޮތަށް މަގުފަހިކޮށްދޭނެ ކަމަށެވެ. މިފަދަ މަރުކަޒުތަކުގެ ސަބަބުން ހުއްޓުމެއްނެތި މަތީ ތަޢުލީމާއި ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމްތައް އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.
މި 5 އަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަތީ ތަޢުލީމުގެ މަރުކަޒުތައް ތަރައްޤީކުރުމަކީ އަމާޒެއްކަމަށް ވުޒާއިން ފާހަގަކުރިއެވެ. އެގޮތުން އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީން އަތޮޅުތަކުގައި ކެމްޕަސްތައް ތަރައްޤީކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.
މިހާރުވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އަންނަނީ އެކި ސަރަޙައްދުތަކުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއަރ ކޮލެޖްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ މަސައްކަތް ވަނީ ނިމުމަކާ ކައިރިވެފައެވެ. އަދި މި ތަންތަނުގެ ޢިމާރާތުގެ މަސައްކަތް މުޅިން ނުނިމުނު ނަމަވެސް ބައެއް ޕްރޮގްރާމްތައް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ވުޒާރާއިން ބުނީ މި މަރުކަޒުތައް ތަރައްޤީކުރަނީ ދަރިވަރުންނަށް ތިބެވޭނެ އިންތިޒާމްތަކާއެކު އެ ސަރަޙައްދަކަށް ޚާއްސަ ކޯސްތައް ހިންގާ ގޮތަށްކަމަށެވެ.
ވުޒާއިން ބުނީ އަމިއްލަ ފަރާތްތަކަށް ކޮންމެ އަތޮޅެއްގައި މިފަދަ މަރުކަޒުތައް ތަރައްޤީކުރުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭކަމަށާއި އަދި އެއް ބެޗް ނިންމާލުމަށްފަހު ދެވަނަ ބެޗެއް ކުރިއަށް ގެންދިޔުމަށް ދަރިވަރުން ނުލިބުމުގެ ދަތިކަން ދިމާވާކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން، ޕްރޮގްރާމްތައް ބަދަލުކުރަން ޖެހޭކަމަށާއި މިހާރު ރާވަމުންގެންދަނީ ވީހާވެސް ފަސޭހަކޮށް ބަދަލުތައް ގެނެސްގެން ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށް ވުޒާރާއިން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން އަތޮޅުތަކުގައި ތަރައްޤީކުރާ މަރުކަޒުތަކުގެ ސަބަބުން، މަތީ ތަޢުލީމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތުތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފުޅާވެގެންދާނެ ކަމަށް ވުޒާރާާއިން ބުންޏެވެ. އަދި މިއީ ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއްގެ ގޮތުގައި ވުޒާރާއިން ފާހަގަކުރިއެވެ.