އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށަނީ

އާނާ ފަހީމް | 81 ދުވަސް ކުރިން - 09:49
އޮތެންޓިކް މޯލްޑިވްސް މާލެ އައުޓްލެޓް. / ފޮޓޯ: އޮތެންޓިކް މޯލްޑިވްސް
އޮތެންޓިކް މޯލްޑިވްސް މާލެ އައުޓްލެޓް. / ފޮޓޯ: އޮތެންޓިކް މޯލްޑިވްސް
ޚުލާސާ

ގިނަ ބާވަތްތަކެއްގެ ޑިއުޓީ މަޢާފުވެ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިތަކަށް ޗައިނާގެ ބިލިއަނަކަށްވުރެ ގިނަ އާބާދީއަކަށް އުފެއްދުންތައް ވިއްކުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނި.

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާއިރު، ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިވާނެކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ.

2014 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކުރި މި އެއްބަސްވުމަށް ޢަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީ ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް ޢަމަލުކުރުން އޮތީ މަޑުޖެހިފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފައްޓަވާފައެވެ.

މި އެއްބަސްވުމުގެ ދަށުން ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް ނުވަތަ އެނޫންވެސް އުފެއްދުންތެރި މަސައްކަތް ކުރާ ފަރާތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުންޏެވެ. އެގޮތުން ތްރީޑީ ޕްރިންޓަރ، ލޭބަލް ޕްރިންޓަރ އަދި ފޮޓޯގްރަފީ އިކުއިޕްމަންޓްސް ފަދަ ތަކެތި އެތެރެކުރާއިރު އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތާއި ޢިމާރާތްކުރުމުގެ ސިނާއަތަށްވެސް މި އެއްބަސްވުމުގެ ދަށުން ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ވުޒާރާއިން ބުންޏެވެ. އެގޮތުން ސީފުޑްގެ 296 ބާވަތެއްގެ ޑިއުޓީ އެއްކޮށް މަޢާފްވާނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިތަކަށް ޗައިނާގެ ބިލިއަނެއްހައި މީހުންގެ އާބާދީއަކަށް ތަކެތި ވިއްކުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. މިހާރުވެސް ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު މި ޢަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި އެއްބަސްވުމަކީ ދިވެހި ވިޔަފާރިތަކަށް ލިބިގެންދާ ވަރަށް މުހިންމު ފުރުޞަތެއް ކަމަށާއި، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މީގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބި، ވަޒީފާގެ އިތުރު ފުރުޞަތުތަކެއް އުފެދިގެން ދިއުން." ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިވެރިންނަށް ޗައިނާގެ ބާޒާރުގައި ވިޔަފާރި ކުރުމަށް ލިބިގެންދާ ފުރުޞަތުތަކުގެ އިތުރުން، ޗައިނާގެ ވިޔަފާރިވެރިންނަށްވެސް ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%