ޝާކް ޑައިވިންއަށް އެންމެ ރަނގަޅު މަންޒިލަކަށް ފުވައްމުލައް ހޮވިއްޖެ އެވެ.
ފުވައްމުލަކަށް މި އެވޯޑް ލިބުނީ ހޮންކޮންގް ގައި ބޭއްވި "ޑައިވިން ރިސޯޓް އެންޑް ޓްރެވަލް ޝޯވް" ގައެވެ.
"ބެސްޓް ޝާކް ޑައިވިންގ ޑެސްޓިނޭޝަން" އަށް ފުވައްމުލައް ހޮވުމުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝާކް ޑައިވިން އަށް އެންމެ މޮޅު މަންޒިލަކަށް ފުވައްމުލަކު ހޮވުނީތީ އުފާކުރާކަމަށެވެ.
މިނިސްޓާ ވިދާޅުވިގޮތުގައި މި އެވޯޑަކީ ފުވައްމުލަކުގެ އަޖައިބުކުރުވަނިވި ކަނޑުގެ ދިރުންތަކާއި އެރަށަށް މީހުން ޝައުގުވެރިވާކަމުގެ ހެއްކެކެވެ. އަދި މި އެވޯޑަކީ ފުވައްމުލަކުގެ އިތުރުން މުޅި ރާއްޖެއަށްވެސް ލިބޭ ފަހުރެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފުވައްމުލަކަކީ ގިނަ ޢަދަދަކަށް ފެމުނު މިޔަރު ދިރިއުޅޭ ސަރަޙައްދެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެމުނު މިޔަރު ބެލުމަށްޓަކައި ފުވައްމުލަކު ޝާކް ޕޮއިންޓަށް ޒިޔާރަތްކުރާކަން ފާހަގަ ކުރެވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އަބަދުވެސް ޝަރަފުވެރި އެވޯޑްތައް ލިބެެއެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ވެސް މިފަހުން ރާއްޖެއަށް ލިބިފައި ވެއެވެ.. މިއިީ އެ އެވޯޑް ރާއްޖެއަށް ވިދިވިދިގެން ލިބުނު 5 ވަަނަ ފަހަރެވެ.
ވޯލްޑު ޓުރެވެލް އެވޯޑްސްގައި ރާއްޖެ އިން ވަނީ އިތުރު އެވޯޑުތަކެއް ވެސް ހާސިލުކޮށްފަ އެވެ. އެގޮތުން ވޯލްޑު ގްރީން ޑެސްޓިނޭޝަން އެވޯޑު ރާއްޖެ އަށް ވަނީ ފުރަތަމަ ފަހަރަށް ލިބިފަ އެވެ.