މާލެ އަތޮޅު ހުރާގައި އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި "ހުރާ އެކުވެރި ހިޔާ" މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ. މި ހިޔާއަކީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ކެމްޕެއިން ދުވަސްވަރު ވެވަޑައިގެންނެވި ވައުދަކާއި އެއްގޮތަށް އެރަށުގެ ދެކުނު ފަރާތުގައި ތަރައްޤީކޮށްފައިވާ ތަނެކެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ މިފަދަ ތަންތަނަކީ އެކި އުމުރުފުރައިގެ މީހުން އެއްވެ، ވާހަކަދައްކައި، ޚިޔާލު ބަދަލުކުރުމަށް މުހިންމު ތަންތަން ކަމަށެވެ. "އަޅުގަނޑުމެންގެ ޖީލު މިއަދު މިވަނީ ވަރަށް ބޮޑަށް ޑިޖިޓަލް ވަސީލަތްތަކާއެކު ވަގުތު ހޭދަކުރަން އާދަވެފައި. މިފަދަ ދުވަސްވަރެއްގައި އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަދައްކައި ޚިޔާލު ބަދަލުކޮށް ހެދުމަކީ ނުހަނު މުހިންމުކަމެއް," މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވީ މި ހިޔާ އެޅުމުގެ މަޤްޞަދަކީ އިސްރަށްވެހިންނާއި އެކި އުމުރުފުރައިގެ މީހުން އެއްތަނަކަށް އެއްވެ، ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މި ހިޔާއަށް ގިނަ އަދަދެއްގެ ފޮތްތައް ހަދިޔާކުރައްވާފައިވާ ކަމަށާއި، އެކި އުމުރުފުރައިގެ މީހުން އެތަނަށް އައިސް ފޮތް ކިޔައި، މަޝްވަރާކޮށް، އުފާވެރި ވަގުތުތަކެއް ހޭދަކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޖުމްލަ 23 ދުވަހުގެ ތެރޭގައި ނިންމާފައިވާ މި ހިޔާ ހުޅުވުމާއި ގުޅިގެން ހުރާގެ ބައެއް އިސް ރަށްވެހިން ވަނީ އުފާފާޅުކޮށްފައެވެ. އެ ފަރާތްތަކުން ބުނީ މިއީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، ގޭގައި އަބަދު ތިބުމުގެ ބަދަލުގައި އެތަނަށް ގޮސް ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބުނީތީ އުފާކުރާ ކަމަށެވެ.