ދަރަނީގެ ނުރައްކަލުން އެންމެ ނާޒުކު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ: ވަޒީރު މޫސާ ޒަމީރު

އާނާ ފަހީމް | 90 ދުވަސް ކުރިން - 00:17
މާލީ ވަޒީރު، މޫސާ ޒަމީރު ގްލޯބަލް އިކޮނޮމިކް ފޯރަމް 2024 ގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓަޮ: ކޮންފެޑެރޭޝަން އޮފް އިންޑިޔަން އިންޑަސްޓްރީ
މާލީ ވަޒީރު، މޫސާ ޒަމީރު ގްލޯބަލް އިކޮނޮމިކް ފޯރަމް 2024 ގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓަޮ: ކޮންފެޑެރޭޝަން އޮފް އިންޑިޔަން އިންޑަސްޓްރީ
ޚުލާސާ

ނިއުދިއްލީގައި ބޭއްވުނު ގްލޯބަލް އިކޮނޮމިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތަކާއި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަލިއަޅުވާލައި ދަރަނީގެ ނުރައްކަލުން އެންމެ ނާޒުކު ހާލަތުގައިވާ ފަރާތްތައް ރައްކާތެރިކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ.

ދަރަނި ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރަން ޖެހޭ ކަމަށް އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ގްލޯބަލް އިކޮނޮމިކް ފޯރަމް 2024 ގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވަނީ ދުނިޔޭގެ އިޤްތިޞާދު ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރި އަދި އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ތެލާއި ކާބޯތަކެތީގެ އަގު އުފުލިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖެއަށް ވެސް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި ކޯވިޑްގެ ޢާލަމީ ވަބާގެ ސަބަބުން ބޮޑެތި އަދަދުން ދަރަނި ނަގަން ޤައުމުތަކަށް މަޖުބޫރުވިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާރު އެދަރަނިތައް ދެމެހެއްޓެނިވި ގޮތެއްގައި ދެއްކުމަށް ގޮންޖެހުންތައް ހުރި ކަމަށެވެ.

"ރާއްޖޭ ފަދަ ޤައުމަކުން ދަރަނި އަދާކުރުމުގައި އުފެއްދުންތެރި ވިސްނުން ޚިޔާރުކޮށް، އާމްދަނީ އިތުރުކޮށް އެންމެ ނާޒުކު ފަރާތްތައް ރައްކާތެރިކުރަން ޖެހޭ. އަދި ބައިނަލްއަޤްވާމީ އިދާރާތަކުން ލުއި އެހީތަކެއް ދިނުމަކީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުކޮށް މެދުރާސްތާގައި މާލީ ހާލަތު ރަނގަޅުކުރުމަށް މުހިންމު ކަމެއް" ވަޒީރު ޒަމީރު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ ޤައުމެއްކަން ފާހަގަކުރައްވާ، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާކަން މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށާއި، ޤައުމުތަކުން މާލީ އެހީތެރިކަމުގެ އިތުރުން ފަންނީ އެހީތެރިކަން ހިއްސާކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ދަރަނިތައް އަދާކުރަމުން އަންނައިރު އެންމެ ނާޒުކު ފަރާތްތަކަށް މިކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭކަން އިތުރަށް ފާހަގަކުރެއްވިއެވެ. އަދި މިކަމުން އަރައިގަތުމަށް މަސައްކަތްކުރާއިރު މާލީ ހަރުދަނާކަން ދަމަހައްޓައި، ސިޔާސީ އަދި އިސްތިރާޖީ ހަޤީޤަތްތަކަށް ރިޢާޔަތްކޮށް މަސައްކަތްތައް ބައްޓަންކުރަންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%