ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރުމުގެ އިހްތިޔާރު ރިސޯޓުތަކަށް ލިބިދޭ ގޮތަށް ހުށަހެޅި ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވި 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެއް މަސްދުވަހުގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަން ޖެހޭނެ އެވެ. އަދި ރިސޯޓުތައް ފިޔަވައި، ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި ޓޫރިޒަމްގެ ސިނާއަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެ ނޫން ވެސް ތަންތަނަށް އަންނަ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޢާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭނެ އެވެ.
އެ ބިލު ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީ ސިއްރުން ކުރިއަށް ގެންދިޔައިރު ކޮމިޓީގައި ބޭރު ފައިސާއާ ބެހޭ ބިލު ފާސްކުރީ ވަރަށް ކުދިކުދި އިސްލާހީ ބަދަލުތައް ގެނައުމަށް ފަހުގަ އެވެ. ކޮމިޓީން ބަދަލެއްގެ ގޮތުގައި ގެނައީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި ރިސޯޓަކަށް މާލީ ދައްޗެއްވާ ނަމަ، ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓަށް ވުރެ މަދުން މާރުކުރަން އިހުތިޔާރު ދިނުމެވެ. އަދި ލުއި ދެވޭނީ އެމްއެމްއޭ އިން ކޭސް ރިވިއުކުރުމަށް ފަހު ކަމަށް ވެސް ކޮމިޓީން ގެނައި އިސްލާހުގައި ހިމަނާފައިވެ އެވެ.
މި ބަދަލު ގެނައި ނަމަވެސް، ބިލުގެ މައިގަނޑު އެއްވެސް ބަޔަކަށް ބަދަލެއް ނުގެނެ އެވެ. އެ ބިލު އޮތީ އެމްއެމްއޭ އިން ހުށަހެޅި ގޮތަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، މި ބިލު ފާސްކޮށް ގާނޫނަކަށް ވުމުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ވަރަށް ބޮޑަށް ހައްލުކުރެވޭނެ އެވެ.