އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް އެންމެ އިސްދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ފުލުހުން: ޝަފީޢު

އަައިޝަތު ޒީނާ | 95 ދުވަސް ކުރިން - 02:12
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވާހަކަދައްކަވަނީ. / ފޮޓޯ: ފުލުހުން
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވާހަކަދައްކަވަނީ. / ފޮޓޯ: ފުލުހުން
ޚުލާސާ

ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރާއިރު އަދުލުވެރިވުމަށާއި ފުލުހުންގެ ޚިދުމަތުގެ އިތުބާރު ގެއްލޭނެ އެއްވެސް ކަމެއް ނުކުރުމަށް ވަޒީރު ވަނީ ނަސޭޙަތްތެރިވެލައްވާފައި.

ދިވެހިރާއްޖޭގައި އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް އެންމެ އިސްދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ދިވެހި ފުލުހުން ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އައްޑޫސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމަންޓުގައި މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ދިވެހި ޤައުމަކީ ކުރިއަރާފައިވާ، އަމާން އެކުވެރި ރައްޔިތުންތަކެއް އުޅޭ މުޖުތަމަޢުއަކަށް ހަދަންކަމަށާއި އެކަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ފުލުހުންނަށް ކަމަށެވެ.

ވަޒީރު ވަނީ ރާއްޖޭގެ 140 އަށްވުރެ ގިނަ ރަށުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފުލުހުން ތިބިކަން ފާހަގަކުރައްވާ، މުޖުތަމަޢުގައި އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދިވެހި ފުލުހުން އެންމެ ކުރީ ސަފުގައި ތިބޭކަން ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ އެ މަސައްކަތަށް ސާބަސް ދީ، ވަޒީރު ވަނީ އެގޮތުގައި ސާބިތުކަމާއެކު ފުލުހުން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ވަޒީރު ވިދާޅުވީ ޤައުމުގައި އަމާންކަން ދެމެހެއްޓޭނީ ކުށް މަދުކުރުމާއި ރައްޔިތުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީގެންނާއި އެކިއެކި ކުށްތަކުން ޒުވާނުން، އަދި މުޅި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. އެގޮތުން ފުލުހުންގެ ތަމްރީނުން ލިބުނު ހުނަރު އެ މަސައްކަތްތަކުގައި ބޭނުންކުރުމަށް ވަޒީރު ވަނީ ނަސޭޙަތްތެރިވެލައްވާފައެވެ.

މީގެ އިތުރުން، ޚިދުމަތުގައި ޝާމިލްވާ ކޮންމެ ފުލުހަކީ މަރުކަޒުން ބޭރުގައާއި އެތެރޭގައިވެސް ކުރާ މަސައްކަތަށް ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް މަސައްކަތް ކުރަންޖެހޭ ބަޔަކަށް ވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރާއިރު އަދުލުވެރިވުމަށާއި ފުލުހުންގެ ޚިދުމަތުގެ އިތުބާރު ގެއްލޭނެ އެއްވެސް ކަމެއް ނުކުރުމަށް ވެސް ވަޒީރު ވަނީ ނަސޭޙަތްތެރިވެލައްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާނާއި އިންޑިއާގެ ސަރްދާރު ވައްލަބާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ އަމިތު ގަރްގް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%