މަރުކަޒީ ބޭންކް އެމްއެމްއޭން މިފަހުން އާންމުންގެ ހިޔާލަށް ހުޅުވާލި ބޭރު ފައިސާއިން މުއާމަލާތް ކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާ ފޮރެކްސް ބިލު، ބައެއް ކުދިކުދި އިސްލާހުތަކާ އެކު ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
އެ ބިލު ހުށަހަޅާ ބޭނުމުގެ ގޮތުގައި ބުނެފައި ވަނީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާއި ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާ ބެހޭ އުސޫލުތަކާއި އެ ނޫން ވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
އެމްއެމްއޭ އިން ހިޔާލަށް ހުޅުވާލި ބިލުގައި އޮތީ އަހަރަކު އާމްދަނީއަށް 20 މިލިއަން ޑޮލަރު ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދު މަޖިލީހަށް ހުށަހެޅި ބިލުގައި، އާންމުންގެ ހިޔާލުތަކަށް ރިއާޔަތްކުރުމަށް ފަހުގައި، އެ އަދަދު ވަނީ 15 މިލިއަން ޑޮލަރަށް ބަދަލުކޮށްފަ އެވެ.
އެ ބިލުގައި ބުނެފައި ވަނީ ކެޓަގަރީ "އޭ"ގައި ހިމެނޭ ރިސޯޓުތަކާއި ޕްރައިވެޓް އައިލަންޑުތަކާއި ރިސޯޓް ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެއް މަސްދުވަހުގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ. އަދި އެއް މަސްދުވަހުގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއަށް މާރުކުރަން ވާނެ ކަމަށް އެ ބިލުގައިވެ އެވެ.
މީގެ އިތުރުން ކެޓެގަރީ "ބީ"ގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން އެއް މަސްދުވަހުގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ. އަދި އެއް މަސްދުވަހުގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށް އެ ބިލުގައިވެ އެވެ.
ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތައް ވެސް އެ ބިލުގައިވެ އެވެ. އިސްތިސްނާވާ ފަރާތްތަކަކީ، އެތަނެއްގައި 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުންނާއި 10 އަހަރު ފުރިހަމަނުވާ ކުޑަކުދިންނާއި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް އަދި ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހެމާނުންނެވެ.
މި އުސޫލުން ބޭންކަކަށް ލިބޭ ބޭރު ފައިސާގެ ތެރެއިން އެމްއެމްއޭއިން ކަނޑައަޅާ ވަކި އިންސައްތައެއްގެ ފައިސާ، އެމްއެމްއޭއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ބޭންކަކުން އެމްއެމްއޭއަށް ވިއްކަންވާނެ ކަމަށް ވެސް ބޭރު ފައިސާއާ ބެހޭ ބިލުގައި ބުނެފައިވެ އެވެ.