އަންނަ މަހު މޯލްޑިވިއަންގެ ދަތުރުތަކުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށަނީ

އައިޝަތު ރުވާ ރިފްޢަތު | 142 ދުވަސް ކުރިން - 8 ޑިސެންބަރު 2024 10:52
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން
ޚުލާސާ

ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސް ޚިދުމަތް ދޭން ފެށުމަކީ ރައީސްގެ ވަޢުދުފުޅެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ 2 ވަނަ ވައިޑް ބޮޑީ އެއަރކްރާފްޓް އަންނަ އަހަރުގެ މެދުތެރޭ ރާއްޖެ ގެނައުން ކަމަށް ވަޒީރު ވިދާޅުވި.

އަންނަ މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަންގެ ދަތުރުތަކުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު އަމީން ވިދާޅުވިގޮތުގައި ސަރުކާރުގެ އެހީތެރިކަމާއެކު މޯލްޑިވިއަންއަށް ހޯދި ވައިޑް-ބޮޑީ އޭ330 ގެ އެއަރކްރާފްޓް މިހާރު ޔޫރަޕުން ކުރަންޖެހޭ ހުރިހައި މަސައްކަތެއް ނިންމައި، ބޯޓުގެ ލިވަރީ ބަދަލުކުރުމަށްޓަކައި ސިންގަޕޫރަށް ގެންގޮސްފައިވެއެވެ. މިހާރު ޝެޑިއުލް އޮތްގޮތުން މިމަހުގެ 31 އަށް މި މަސައްކަތް ނިމިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން އިތުރަށް ވިދާޅުވިގޮތުގައި ފުރަތަމަ ވައިޑް-ބޮޑީ އެއަރކްރާފްޓް ޖަނަވަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖެ އަންނާނެއެވެ. އަދި މޯލްޑިވިއަންގެ ދުރު ދަތުރުތަކުގައި ޖަނަވަރީ 17 ވަނަ ދުވަހުން ފެށިގެން ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށާނެއެވެ.

"މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓްތައް ދުރު ރާސްތާއަށް ފެށިގެންދާނެ ޖަނަވަރީ 17 ވަނަ ދުވަހުގައި. އެހިސާބުން ފެށިގެން 300 ވަރަކަށް ސީޓު ހުންނަ މަތިންދާބޯޓަކަށް ވާއިރު މިއިން ކޮންމެ ދަތުރަކުން ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ. މީގެ ފައިދާ އަޅުގަނޑުމެންގެ އިކޮނޮމީއަށް ކުރާނެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވިގޮތުގައި މިއީ ރާއްޖޭގެ އޭވިއޭޝަންގެ ސިނާއަތަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އަދި ކުދި ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސް ޚިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމާއި ސަރުކާރުގެ އަމާޒަކީ 2 ވަނަ ވައިޑް ބޮޑީ އެއަރކްރާފްޓް އަންނަ އަހަރުގެ މެދުތެރޭ ރާއްޖެ ގެނައުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވަނީ ވައިޑް-ބޮޑީ އެއަރބަސްގެ ދަތުރުތައް އެންމެ ފުރަތަމަ ކުރާނީ ޗައިނާއަށްކަމަށެވެ. އަދި މުސްތަޤުބަލުގައި ޔޫރަޕާއި ސައުތު އެފްރިކާގެ ޤައުމުތަކަށްވެސް ދަތުރުކުރާގޮތަށް ވަނީ ކަނޑައަޅާފައެވެ. މި މަންޒިލްތަކަށް ދަތުރުތައް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އައިލެންޑު އޭވިއޭޝަނުން ދަނީ ކުރަމުންނެވެ. އެގޮތުން އެޤައުމުތަކުން އެޖެންޓުން ހޯދުމާއި ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ. މިގޮތުން، އިތުރު ފަތުރުވެރިން ރާއްޖެއަށް އައުމުގެ ފުރުޞަތު ފަހިވެ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެކަމަށް ބެލެވެއެވެ.

ވަޒީރު އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އައު މަތިންދާބޯޓު ބޭނުންކުރަން ފެށުމުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ވަޒީފާގެ އައު ފުރުޞަތުތަކެއް ވެސް އުފެދިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ހަމައެކަނި މޯލްޑިވިއަންއަށް ލިބޭ ކުރިއެރުމެއް ނޫން. މުޅި ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ ރިސޯޓުތަކަށާއި، ގެސްޓްހައުސްތަކަށް، އަދި އެހެނިހެން ވިޔަފާރިތަކަށްވެސް މީގެ ހެޔޮ އަސަރު ކުރާނެ," ވަޒީރު އަމީން ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%