ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ކުރިން ކަނޑައަޅާފައި އޮތް ތާރީޚަށްވުރެ އަވަސް ތާރީޚެއްގައި އެތަން ހުޅުވައި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ވައިގެ ދަތުރު ފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ. މި ޚިތާބުގައި ވަޒީރު ވިދާޅުވީ ވައިގެ ދަތުރުފަތުރަކީ މިހާރު އިޤްތިޞާދީ އަދި އިޖުތިމާޢި ކުރިއެރުމާއި ތަރައްޤީގެ "އިންޖީނު" ކަމަށެވެ.
ވަޒީރު އަމީން ވިދާޅުވީ ރާއްޖެ ހިމެނެނީ ވައިގެ ދަތުރުފަތުރުގެ ވައްޓަފާޅިއަށް އައި ޒަމާނީ ބަދަލުތަކާއި ފުރިހަމައަށް ފައިހަމަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރޭގައިކަމަށެވެ. އަދި ރާއްޖޭގެ އެއަރލައިންތަކުންވެސް ތަފާތު މަރުކާގެ ބޯޓުތައް ގެނެސް އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ބައިނަލްއަޤްވާމީ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ވަރަށް ހަލުއި ކަމާއެކު ކުރިއަށްދާކަމަށެވެ. އަދި ސަރުކާރުގެ އިސްނެގުމާއެކު މިހާރު މަސައްކަތް ކުރަމުން މިދަނީ ކުރިން ކަނޑައެޅި ތާރީޚަށްވުރެ އަވަސް ތާރީޚެއްގައި އައު ޓަމިނަލް ހުޅުވާއި ޚިދުމަތް ދޭން ފެށުމަށްކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ ރާއްޖޭގައި ހެލިކޮޕްޓަރ އޮޕަރޭޝަންތައް އަލުން ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން މެޑިކަލް އިވެކުއޭޝަން އަދި ރިސޯޓްތަކާއި އެއަޕޯޓާއި ދެމެދު ފަތުރުވެރިން ވައިގެ މަގުން އުފުލުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ ފަރާތުން އަންނަ އަހަރުގެ މެދުތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށް އޮޑިޓްއެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.