ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަން މިހާރު ނެތް ކަމަށާއި މާލީ އިދާރާތަކުން އެކަމާއި ގުޅޭ ގޮތުން ވާހަކަތައް ދެއްކުން ވެސް ހުއްޓާލައިފި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ދެއްވި ޖަވާބުގައި ޒަމީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓަކީ މިދިޔަ ފަސް އަހަރުގެ ދަރަނި ކަމަށާއި އެއީ ދައުލަތަށް ލިބޭ އާމްދަނީގެ 24 ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ޒަމީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި ކުރައްވަމުން އަންނަ މަސައްކަތުން ގައުމު ބަނގުރޫޓުވެދާނެ ކަމުގެ ބިރު މިހާރު ނެތް ކަމަށެވެ. ސަރުކާރުން ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ބޭރުގެ ރޭޓިން އެޖެންސީތަކުން ވެސް މިހާރު އެ ވާހަކަދެއްކުން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އުފަލާއި އެކު ދަންނަވަން ރައީސް މުޢިއްޒު މިހާރު މަސައްކަތް ކުރައްވަނީ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ފޯމިއުލޭޓް ކޮށްގެން. ޑިއުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދީފި ކަމުގައިވާ ނަމަ އައިއެމްއެފް އިން ރިފޯޓު ކުރި ގޮތަށް އަޅުގަނޑުމެން ބަނގުރޫޓުވާނެ،" ޒަމީރު ވިދާޅުވި އެވެ.
ބައެއް ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުން ވެސް މިހާރު ފަސްކޮށްދީފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރާއްޖެ ދަރަނިން ސަލާމަތް ކުރުމަށް ރައީސް ޑރ. މުއިއްޒުގެ މުހިންމު ޕްލޭންތަކެއް އެބަހުރި ކަމަށާއި އެއިން އަރައިގަތުމަށް މިދިޔަ އެއް އަހަރުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭޓިން އޭޖެންސީތަކާއި އައިއެމްއެފުން ވެސް، މިނިސްޓްރީއާ ދެމެދު ހިންގާ މުއާމަލާތް ތަކުގައި ވެސް އެ އިދާރާތަކުން ބާރު އަޅަނީ، ހަރަދު ކުޑަކުރުމަށް ކަމަށާއި ބަނގުރޫޓުވުމާއި ގުޅޭ ގޮތުން ދެއްކި ވާހަކަތައް މިހާރު ހުއްޓާލާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.