ފިނޭންސް މިނިސްޓްރީގެ ހުރިހާ ރިޕޯޓެއް މިހާރު ގަވާއިދުން ޝާޢިއުކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަމީރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ވަނީ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފުސީލް ހިމަނައިގެން ކޮންމެ ހަފުތާ އަކު "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" އަދި ކޮންމެ މަހަކު "މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓްސް"ގެ ނަމުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނެރެމުން އަންނަ މާލީ ހިސާބުތައް ނެރުން ހުއްޓާލީ ކީއްވެގެންތޯ ޒަމީރުއާއި ސުވާލުކުރައްވައިފަ އެވެ.
ޒަމީރު ވިދާޅުވީ ޕަބްލިކް އެކައުންޓްސް ރިކޮންސިލިއޭޝަން ކުރުމުގެ މަސައްކަތުގެ ހަރަދު ރިކޯޑް ކުރުމުގައި ހުރި މައްސަލަތަކެއް މިދިޔަ ޖޫން މަހު ފާހަގަވި ކަމަށެވެ.
ލޯނު ފަންޑެޑް އެކައުންޓްސްގެ ޑިސްބާސްމަންޓް އެކައުންޓިން ސިސްޓަމްގައި ރިކޯޑްކުރުމުގައި މިނިސްޓްރީން ގެންގުޅެމުން އައި އުސޫލުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ހިނގާފައި ހުރި ހަރަދުތައް މި އަހަރުގެ ބަޖެޓްގައި ރިކޯޑް ކުރެވިފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރިޕޯޓްތައް ޝާޢިއުކުރުން ހުއްޓާލީ އެ ސަބަބާއި ހެދި ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ރަނގަޅަށް އެކައުންޓް ކުރާނީ ކިހިނެތްތޯ އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު މިނިސްޓްރީން ޕަބްލިޝްކުރާ އެއްވެސް ރިޕޯޓެއް ގަވާއިދުން ޕަބްލިޝްނުކުރެވިއެއް ނުހުންނާނެ،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ މިކަން ދެން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރު ރަނގަޅު އުސޫލުތަކެއް ކަނޑައަޅައި، އަމަލުކުރަމުން އަންނަ ކަމަށެވެ.