ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރަށް 1 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްއިން ގެނެސްދޭ "52 ހަފްތާ" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ، ރާއްޖޭގައި ދެވޭ އެންމެ މަތީ ފަންތީގެ ސްކޮލަރޝިޕަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ކަމަށާއި، މިއަހަރު މި ސްކޮލަރޝިޕް 19 ދަރިވަރަކަށް ދީފައިވާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަކީ ބޭރުގެ ޔުނިވަރސިޓީއަކުން އަދި ބޭނުން ދާއިރާއަކުން ކިޔަވަން ލިބޭ ފުރުޞަތަކަށްވާއިރު، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކަށް ވަންނަން ދަރިވަރުންނަށް ބައެއްފަހަރު ދަތިތައް ދިމާވާ ކަމަށެވެ. އެހެންކަމުން އެފަދަ ޔުނިވަރސިޓީތަކުން ދިވެހިންނަށް ޖާގަ ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ އޮކްސްފޯޑާއި ހާވާޑާއި ކެމްބްރިޖް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދިވެހިންނަށް ކޮންމެ ޔުނިވަރސިޓީއަކުން ވެސް 1 ނުވަތަ 2 ޖާގަ ކަށަވަރުކުރެވޭތޯ. މި ޔުނިވަރސިޓީތަކުން ޖާގަތަކަކީ ކުރިން ކަނޑައެޅިފައި ހުންނަ އެއްޗެއް ނޫން. އެހެންނަމަވެސް ޖާގަތައް ކުރިން ކަނޑައެޅި ދިވެހިންނަށް ލިބޭނެކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން ދަނީ މަތީ ތަޢުލީމު ޙާސިލްކުރުމަށް ގިނަ އަދަދެއްގެ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. އަދި ލޯނުގެ އެހީތައް ވެސް ދަނީ ދެމުންނެވެ. މަތީ ތަޢުލީމާބެހޭ ވުޒާރާގެ އެކި ފުރުޞަތުތަކުގައި މިހާރު 2249 ދިވެހިން ރާއްޖެއިން ބޭރުގައި ދަނީ މަތީ ތަޢުލީމު ޙާސިލްކުރަމުންނެވެ.