ތަޢުލީމީ ދާއިރާއިން އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިކަން ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "އެޑިޔުކޭޝަން ސެންޓަރ ފޯ އެކްސެލެންސް" ގެ ނަމުގައި ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ސެންޓަރުތަކުން މުދައްރިސުންނާއި ޕްރިންސިޕަލުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފޯރުކޮށްދޭނެ ކަމަށާއި، ސްކޫލް އިވެލުއޭޝަންގެ މަސައްކަތްތައްވެސް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 6.1 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ދިވެހި މުދައްރިސުން އިތުރުކުރުމަށްޓަކައި ގައުމީ ޕްރޮގްރާމެއް މިދިޔަ މަހު ފަށާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމްގެ ދަށުން އަހަރަކު 150 މުދައްރިސުން ތަމްރީންކުރުމަށް އަމާޒު ހިފާފައިވާއިރު، މިވަގުތު 2000 އަށްވުރެ ގިނަ މުދައްރިސުން ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އައު އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްއެއް އަންނަ އަހަރު ޤާއިމްކުރާނެ ކަމަށާއި، ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތަކަށްވެސް އިސްކަންދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.